މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބިރުވެރިކަމާއެކު ދުނިޔޭގެ ބޮޑެތި ގައުމުތައް ވަނީ ބަލީގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ޖެހިފައެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިގެން ދިޔައިރު ސައިންސްވެރިންނާއި ސިއްހީ މާހިރުން މަސައްކަތް ކުރަމުން ދިޔައީ މި ނުރައްކާތެރި އަދި މިހާރުވެސް ތަހުލީލުތައް ހިނގަމުންދާ ކޮވިޑުން ރައްކާތެރި ކޮށްދޭނެ ކަންކަން ދިރާސާ ކުރުމަށެވެ. އެގޮތުގެމަތިން މި ވައިރަހުން ކުރާ އަސަރު ކުޑަކޮށް އަދި ވައިރަހުން ރައްކާތެރި ވުމަށް ދިފާއީ ނިޒާމަށް ވަރުގަދަ ބޫސްޓެއް ދޭ ވެކްސިންތަކެއް ވަނީ އުފައްދާފައެވެ. ކާމިޔާބު ވެކްސިން އުފެއްދި ކޮވިޑާއި އިންސާނުންނާ ކުރަމުންދާ ހަނގުރާމައިގެ ކުރިއަށް ވެކްސިން އެރިއެވެ.
ނަމަވެސް ވެކްސިން ފަހަތަށް ޖައްސާލުމަށް ފަހު ވައިރަސް ކުއްލިއަކަށް ކުރިއަރައިފައި ވަނީ ވައިރަސް މާހައުލަށް ހޭނި، ބަދަލުވެ، އިތުރު ވޭރިއަންޓުތައް އުފެންދެން ފެށި ހިސާބުންނެވެ. މި ބަދަލުވަމުންދާ އަދި މިއުޓޭޓް ވަމުންދާ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ވެކްސިންތައް އުފެއްދުމުގެ މަސައްކަތް ކަމާބެހޭ މާހިރުން ކުރަމުން ދާއިރު، ވެކްސިނާ ގުޅުން ހުރި މައުލޫމާތު އެނގުމާއެކު މިހާތަނަށް އުފެއްދާފައި ވާ ވެކްސިންތަކާއި އުފައްދަން މަސައްކަތް ކުރަމުންދާ ވެކްސިންތައް ދެނެގަތުމަކީ މުހިއްމު ކަމެކެވެ.
ވެކްސިނަކީ ކޮބާ؟ އަދި ވެކްސިން ޖެހުން މުހިއްމު ވަނީ ކީއްވެ؟
ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މި ދިވެހި ރާއްޖެއިން ވެސް ވަނީ އެހެން ބައެއް ގައުމުތަކަށް ނަމޫނާ މިސާލެއް ދައްކާފައެވެ. އެގޮތުން ކޮވިޑުން ދިފާއުވުމަށް ވެކްސިނެއް އުފެއްދުމާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަނީ ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނެއް ފަށާފައެވެ.
ވެކްސިނާ ގުޅޭ މައުލޫމާތު ފޯރު ކޮށްދެމުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ކޮންސަލްޓަންޓް އިން ޕީޑިއެޓްރިކްސް ޑރ އަހުމަދު ފައިސަލް ވިދާޅުވީ ވެކްސިންގެ މައިގަނޑު ޓާގެޓަކީ ބަލީގައި ބޮޑުވަރުވާ މީހުން މަދުކުރުން ކަމަށެވެ. އޭގެ ތެރޭގައި ބަލީގައި ބޮޑުވަރުވެ އެނދުމަތި ކުރާ މީހުން މަދުކުރުމާއި އަދި އައިސީޔޫއަށް ނުވަތަ ވެންޓިލޭޓަރަށް ލާ މީހުން މަދުކުރުން ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެ މުހިންމު ކަމަކީ ބަލީގައި މަރުވާ މީހުން މަދުކުރުމާއި ބަލީގެ ސަބަބުން ބޮޑުވަރުވުން ކޮންޓްރޯލް ކުރުން ކަމަށް ވިދާޅުވެ ޑރ. ފައިސަލް ވިދާޅުވީ ދިރާސާތަކަށް ބަލާއިރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ވެކްސިން ޖަހައިފިނަމަ ސުމަކަށް ދާނެ ކަމަށެވެ. އަދި ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ މި ބަލި ވަކި ހިސާބަކުން އާންމު ރޯގާއަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި މިއީ ވެކްސިން ޖެހުން މުހިއްމުވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވިދާޅުވިއެވެ.
ވެކްސިންގެ ރޭހުގެ އެންމެ ކުރީގައި އުޅޭ ވެކްސިންތައް
ކޮވިޑާ ދެކޮޅަށް ވެކްސިން އުފައްދާ، އަދި ކާމިޔާބު ކަމާއެކު ބަލިން ދިފާއު ކުރުމަށް މަސައްކަތްކުރާ ވެކްސިންތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ވެކްސިނަކީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒާ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނެވެ. މި ވެކްސިނަށް ބަލާއިރު މި ވެކްސިނަކީ ހުޅަނގުގެ ގައުމުތަކުން އެންމެ ފުރަތަމަ ބޭނުންކުރުމުގެ ހުއްދަ ދިން ވެކްސިނެވެ. އަދި އެއީ ކޮވިޑް-19 އަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ފުލް އެޕްރޫވަލް ލިބުނު ފުރަތަމަ ވެކްސިނެވެ. ކޮވިޑް-19 އާ ދެކޮޅަށް ފައިޒާ ވެކްސިން މަސައްކަތް ކުރާ މިންވަރު 95 ޕަސެންޓް ކާމިޔާބުކަން ދިރާސާތަކުން ދައްކާފައި ވާއިރު ވެކްސިން އުފެއްދި ކުންފުނިން ބުނީ އުމުރުން 5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިނުން އަސަރު ކުރާ މިންވަރު ހުރީ 90.7 ޕަސެންޓްގައި ކަމަށެވެ.
މި ވެކްސިނުގެ އިތުރުން މޮޑާނާއިން ވެސް ކޮވިޑާ ދެކޮޅަށް ވަނީ ކާމިޔާބު ވެކްސިނެއް އުފައްދާފައެވެ. މި ވެކްސިނަށް ބަލާއިރު މިއީ 94.1 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. ނަމަވެސް މި ވެކްސިނުން ބަލީގައި ބޮޑުވަރުވާ މީހުންނަށް އަސަރު ކުރަނީ ވަކި މިންވަރަކަށް ކަމަށް ވެސް ހާމަވެގެން ގޮސްފައިވެއެވެ. މިއީ މިހާތަނަށް ތަހުލީލުތައް ހަދާފައިވާ ހުރިހާ އުމުރުފުރާތަކާއި، ދެ ޖިންސަށް ވެސް ކާމިޔާބު ވެކްސިނެކެވެ.
މި ދެ ވެކްސިނުގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާފައިވާ ވެކްސިނާ، ނޮވޭވެކްސް، ސްޕަޓްނިކް، ސިނޯވެކް، ސިނޯފާމް ވެސް މިއީ ކޮވިޑުން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ވެކްސިން ތަކެކެވެ. އަދި މި ވެކްސިން ތަކަކީ މިހާރުވެސް ބައެއް ގައުމުތަކުން ބޭނުން ކުރަމުން ދާ ވެކްސިން ތަކެކެވެ. މި ވެކްސިންތަކުގެ ތެރެއިން ޖޯންސަން އެންޑް ޖޯންސަން ވެކްސިން ފިޔަވާ އެހެން ހުރިހާ ވެކްސިނަކީ ވެސް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ވެކްސިނެކެވެ. ޖޯންސަން އެންޑް ޖޯންސަން ވެކްސިނަކީ އެއް ޑޯޒް ޖަހަން ޖެހޭ ވެކްސިނެކެވެ.
މިހުރިހާ ވެކްސިނަކުން ކުރާ އަސަރު އެއްވަރުތަ؟
މި ހުރިހާ ވެކްސިނަކީ ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުން ކުރަމުން އަންނަ ވެކްސިން ތަކަކަށް ވާއިރު މިއިން ކޮންމެ ވެކްސިނަކުން ކުރާ އަސަރު އަނެއް ވެކްސިނާ އަޅާ ކިޔުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެކްސިންތައް ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވަނީ ވިދާޅުުވެފައެވެ. ސަބަބަކީ މިއިން ކޮންމެ ވެކްސިނެއްގައި ވާ މާއްދާތައް ތަފާތު ވުމާއި ވެކްސިންތަ ކުން ކުރާ އަސަރު ދެނެގަތުމަށް ކުރިއަށް ގެންގޮސްފައިވާ ޓްރަޔަލްތައް ތަފާތު ވުމެވެ.
ނަމަވެސް ހުރިހާ ސިއްހީ މާހިރުންނާއި ސައިންސްވެރިން އިއްތިފާގު ވެފައިވާ ގޮތުގައި މިއިން ކޮންމެ ވެކްސިނެއް ޖެހި ނަމަވެސް، ބަލި ޖެހުމުން ކުރާ އަސަރު ވަރަށް ބޮޑުތަނުން ކުޑަކޮށްދީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. އަދި ބަލީގެ ސަބަބުން ހާލު ބޮޑުވުމާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެސް އެހީ ވާކަމަށް ވަނީ ބުނެފައެވެ.
ވެކްސިންތަކުން ވޭރިއަންޓް ތަކަށް އަސަރު ކުރޭތަ؟
ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޯން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިއުމާއެކު ގިނަބަޔަކު ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ސަބަބަކީ މި ވޭރިއަންޓުގެ ނުރައްކާ މިންވަރު އަދި ދެނެގަނެވިފައި ނުވުމާއެކު، މި ވޭރިއަންޓާ ގުޅޭ މާބޮޑު ދިރާސާއެއް ނެތުމެވެ. މިއާއެކު ދެން އުފެދިން އައި ސުވާލަކީ ވެކްސިންތަކުން ވޭރިއަންޓު ތަކަށް އަސަރު ކުރޭތޯ އުފެދިގެން ދިޔަ ސުވާލެވެެ.
މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަމުގެ ތަހުލީލުތައް ކުރެވެމުން ދާއިރު، އޮކްސްފޯޑް ޔުނިވާސިޓީން މިކަމާމެދު ބުނެފައިވަނީ އޮކްސްފޯޑުން ކޮވިޑަށް އުފެއްދި ވެކްސިނުން އޮމިކްރޯން ވޭރިއަންޓުން ހާލަތު ގޯސްވާ ހިސާބަށް ދިޔުމުން ރައްކާތެރި ނުކޮށްދޭ ކަމުގެ ހެތްކެއް ލިބިފައި ނުވާކަމަށެވެ. އަދި ވެކްސިން އިތުރަށް އަޕްގްރޭޑް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފައެވެ.
މި ވޭރިއަންޓާ ގުޅިގެން ބައޯއެންޓެކުން ބުނީ، އެ ކުންފުނިން އުފެއްދި ވެކްސިން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ބޭނުން ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މި ވޭރިއަންޓާ ދެކޮޅަށް ވެކްސިނެއް އުފައްދަމުން އަންނަ ކަމަށް ނޮވޭވެކްސް އަދި ކިއުބާއިން ވެސް ވަނީ ބުނެފައެވެ. އެގޮތުން ނޮވޭވެކްސްގެ އާ ވެކްސިން ޖެނުއަރީ މަހު ތައާރަފު ކުރާނެ ކަމަށް ބެލެވެއެވެ.
ކޮންމެއަކަސް، ވޭރިއަންޓުތައް އުފެދި ބަލި ފެތުރެމުން ދާއިރު، ބައްޔާ ބެހޭ އިތުރު ދިރާސާތައް ވެސް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. އަދި ބައްޔާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާއި ދާއިމީ ފަރުވާއެއް ހޯދެން ދެން އިތުރު ފަރުވާތައް ހޯދުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ.