އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމުން އަލީ އަޝްރަފް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭސީސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ މި މަހުގެ 16ގެ މެންދުރު ފަހު 12:30 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގްރާރާއި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ފޯމުތަކާއި އިގްރާރު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ކަމަށެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓް އިން ފޯމާއި އިގްރާރު ޑައުންލޯޑް ކުރެނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އޭސީސީގެ މެމްބަރު ކަމަށް އައްޔަން ކުރިތާ ތިން އަހަރެއްހާ ދުވަސް ފަހުން އަޝްރަފް އިސްތިއުފާ ދެއްވާފައި ވަނީ ދާދި ފަހުންނެވެ. އަޝްރަފް އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އޭސީސީގެ މެންބަރުން މަސައްކަތް ކުރާ މިންވަރު ބެލުމަށް ފަހު، ކޮމިޓީއަށް ފެންނަ ނަމަ އެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށާފައި ވަނިކޮށެވެ.