ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ، އެމީހާއަކީ ކޮވިޑް ބައްޔަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު 06:29 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މިއީ މިބަލީގައި މިމަހު މަރުވި ހަަތަރު ވަނަ މީހާއެވެ. މި ބަލީގައި މި މަހު ފުރަތަމަ މީހާ މަރުވެފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ ޏ އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. މިބަލީގައި އިއްޔެ 2 މީހުން މަރުވެފައިވާއިރު އިއްޔެ މަރުވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކުގައި ފަރުވާ ދެމުންދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި ހއ. ތުރާކުނުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ހިމެނެއެވެ.
މިދިޔަ މަހު ކޮވިޑުގައި ހަތް މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 254 އަށް އަރައިފައެވެ.
މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 102 މީހުންނެވެ. މިއާއެކު ޖުމްލަ 92،095 މީހުން މިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މިބަލިން 90،103 މީހުން ވަނީ ރަނގަޅުވެފައެވެ.