ލަންކާގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކެޕްޓަނަށް ދިން ހަމަލާގެ މައްސަލަގައި، 12،000 ރުފިޔާ އިން ޖޫރިމަނާ ކޮށް، ހަ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

މިދިޔަމަހު 16 ވަނަ ދުވަހުގެ މެޗުގައި އަޑުބަރޭ ވަނީ މެޗުގެ ފަހު ވަގުތުގެ ފަސް މިނެޓުގެ ތެރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ، ބޯޅަވެސް ނެތި، ސީޝެލްސްގެ ކެޕްޓަން ސްޓީވްގެ ނޯށް މަތީ އުޅަނބޮށިން ގަސްތުގައި ޖަހާ ވައްޓާލާފައެވެ. އެއާއެކު ރެފްރީ ވަނީ އަޑުބަރޭއަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފައެވެ.

އެ މައްސަލަ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން އަންނައިރު، މިދިޔަ މަމހުގެ 21 ވަނަ ދުވަހުގެރޭ އަޑުބަރޭ އެ ކޮމިޓީއަށް ހާޒިރު ކުރިއެވެ. މިގޮތުން ސީޝެލްސްގެ ކެޕްޓަންގެ ކަރުމަތީގައި އަޑުބަރޭ ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށް ދިފާއުގައި އޭނާ ބުނެފައިވާ ކަމަށް އެ ކޮމިޓީގެ ނިންމުމުގައި ވެއެވެ. އެއީ ދިފާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޑިސޕްލިނަރީ ކޮމިޓީން ވަނީ ބުނެފައެވެ.

އަޑުބަރޭ ބުނިގޮތުގައި ދަނޑަށް އެރީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައެވެ. އެހާ ލަހުން މެޗަށް އެރުވުމުން ރުޅިއައިސް ހުއްޓާސީޝެލްސްގެ ކުޅުންތެރިޔަކު އޭނާގެ ބޫޓު މައްޗަށް އަރައި ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އިތުރަށް ރުޅި އައީ ކަމަށް ވެސް އަޑުބަރޭ ވަނީ ކޮމިޓީގައި ބުނެފައިވެއެވެ.

މިމައްސަލައިގައި އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން 12،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށްފައެވެ. އަދި އެ މެޗުގައި ދެއްކި ރަތްކާޑުގެ ސަސްޕެންޝަން ހިމެނޭ ގޮތަށް ހަ މެޗަށް އެނާ ވަނީ ސަސްޕެންޓުކޮށްފައެވެ.

އަޑުބަރޭ ސީޝެލްގެ ކުޅުންތެރިޔާ އަށް ދިން ހަމަލާއާ މެދު ގިނަ ބަޔަކު ފާޑުކިޔާފައި ވާއިރު އޭނާ އަށް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

އަޑުބަރޭ ސާފް ޗެމްޕިއަންޝިޕްގެ ޓީމްގައި ހިމެނުމުން ވެސް އޭނާ އަށާއި ކޯޗް އަލީ ސެޒޭނަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ. ކުޅުން ހުއްޓާލައިގެން ތިން އަހަރެއްހާ ދުވަހު ހުރުމުންނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލާގައި ޖާމިނުވެފައި ވާތީ، އެކަމާ ގުޅިގެންވެސް އާންމުން ވަނީ އަޑުބަރޭ ގައުމީ ޓީމުން ވަކިކުރުމަށް އެފްއޭއެމަށްވެސް ގޮވާލާފައެވެ.