އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުގައި ކުރިން މަސައްކަތް ކުރި ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ހަމަލާތައް ދީ އެފަދަ މީހުން ނުމެރުމަށް އެމެރިކާއާއި އެގައުމަށް ވާގިދޭ ގައުމުތަކުން އަފްގާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާނު ޖަމާއަތަށް ގޮވާލައިފިއެވެ.

މިގައުމުތަކުން މިކަމަށް ގޮވާލާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ކުރި ނިސްބަތްވި 47 މީހަކު ތާލިބާނުން މަރާލާފައިވާ ކަމަށް އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ 22 ގައުމަކުން ނެރުނު ބަޔާނުގައި ބުނީ ވަކި ބަޔަކަށް އަމާޒުކޮށް ހަމަލާތައް ދީ މަރާ ހެދުމަކީ މި ގައުމުތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ތާލިބާނު ޖަމާއަތުން ވަނީ އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުގެ މެންބަރުންނަށާއި އެގައުމުގެ ސަލާމަތީ ބާރުތަކުގެ މެންބަރުންނަށް ހާނިއްކަ ނުކުރާނެ ކަމަށް ވައުދުވެފައި ކަމަށާ މިކަން އެޖަމާއަތަށް ހާކޮށްދޭ ކަމަށް ވެސް ގައުމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެއްވެސް ޝަރުއީ މަރުހަލާއަކާ ނުލާ މިގޮތަށް މީހުން މަރާ ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ މިކަންކަން ތަހްގީގުކުރުމަށް ވެސް މި 22 ގައުމުން ވަނީ ތާލިބާނު ޖަމާއަތަށް ގޮވާލާފައެވެ

އަފްގާނިސްތާނުގެ ވެރިކަމާ ތާލިބާނު ޖަމާއަތުން ހަވާލުވި ފަހުން އަފްގާނިސްތާނުގެ ކުރީގެ ސަރުކާރަށް ނިސްބަތްވި 100 އަށް ވުރެ ގިނަ މީހުން އެޖަމާއަތުން މަރާލާފައިވާ ކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗުން ވަނީ ބުނެފައެވެ.