ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ބޭލުމުން ދިވެހިންނަށް ވާ ނުރައްކާ މާ ބޮޑު ކަމަށް 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިންޑިއާ އިން ދަނީ ރާއްޖެއަށް އެތައް ގޮތަކަށް އެހީވަމުން ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ ރާއްޖެއަށް ކޮވިޑު-19 ވެކްސިން ފޮނުވާ ދިނީ ވެސް އިންޑިއާއިން ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.

މިހާ މިންވަރަށް އެހީވެފައި ގާތްކަން އޮންނަ ގައުމެއް އެއްވެސް ކަހަލަ ކަމަކަށް ނުވާ ގޮތަށް ނިކުމެ އިންޑިއާ އައުޓް ވާއިރު އަޅުގަނޑަށް ހީވަނީ އޭގެ ނުރައްކާވެ މާބޮޑުތަނުން އައުޓް ވާން އޮތީ އަޅުގަނޑުމެންހެން. އައުޓްއޭ މި ދެންނެވީ މިފަދަ އެހީތެރިކަމުން އައުޓް ވީމަ ވެސް އެއީ ވެސް ބޮޑު އައުޓެއްތާ އެ ވެވެނީ
ތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ އެފަދަ ކަންކަމަކީ ސިޔާސީ ކަމެއްގެ ގޮތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތީ ގާތް ގުޅުމެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ ޕީޕީއެމުން ވެރިކަމެއް އަތުވެއްޖެނަމަ ވެސް އިންޑިއާ އާއެކު ގުޅުން ބާއްވާނެ ކަމަށެވެ.

ވޭތުވެދިޔަ ހުރިހާ ސަރުކާރު ހަމަ އެގުޅުން އެގޮތަށް ބާއްވާ. ކުރިއަށް އޮތްތަނުގައި މިސާލަކަށް ޕީޕީއެމް ސަރުކާރެއް ވެރިކަމުގައި އޮތަސް އެގުޅުން އެމިންވަރަށް ބާއްވާނެ ކަމަށް އުންމީދު ކުރަނީ. އަޅުގަނޑުމެން އިންޑިއާއާ އެގޮތަށް ސިޔާސީ ބޭނުމަކަށް ޖައްސާލައިގެން ތިބުމީ ރަނގަޅު ކަމެއް ކަމަކަށް ނުދެކެން.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

މީގެ އިތުރުން މިސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމި އޮންނާނީ އިންޑިއާއާއެކު ގާތް ގުޅުމެއް އޮވެގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.