ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ހއ. މުރައިދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުން އިއްޔެ އިފްތިތާހު ކޮށްފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގާއި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާނެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެނުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މުރައިދޫއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ 44 ޕަސެންޓު މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށެވެ.

މުރައިދޫގައި އެމްޑަބްލިއުއެސްސީން ހިންގާ މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 9.1 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބަހައްޓާނެއެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށާއި، އަދި ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ޖުމްލަ 46.9 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރި މިމަޝްރޫއުގެ މަސައްކަތްތައް ނިމުމުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މުރައިދޫގެ އިތުރުން، އެ އަތޮޅުގެ ތަކަންދޫ އާއި މާރަންދޫގައިވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތައް އިއްޔެ ވަނީ އިފްތިތާހު ކޮށްފައެވެ. މި ދެ މަޝްރޫއަށް 156.48 މިލިއަން ރުފިޔާ ޖުމްލަ ހަރަދުވެއެވެ.