ވިޔަފާރީގެ ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް އެހީތެރިވުމަށްޓަކައި ދިރާގާއި ސްޕާކްހަބް ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ "ލީން ސްޓާޓްއަޕް މޯލްޑިވްސް" ވޯކްޝޮޕް މިމަހުގައި ބާއްވަން ނިންމައިފިއެވެ.

ދިރާގުން ވަނީ މިމަހުގެ 17 އިން 19 އަށް ސޯލްޓް ކެފޭގައި ބާއްވާ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ވިޔަފާރިއެއް ފަށާނެ ގޮތާއި، ޒަމާނީ ދިރާސާތަކަށް ބިނާކޮށް ވިޔަފާރިއެއް ހިންގާނެ ގޮތްތައް ކިޔައިދޭނެއެވެ.

މީގެ އިތުރުން އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރިއާ މެދު ވިސްނައި، އެ ވިޔަފާރި ފެށުމަށް ތައްޔާރުވާނެ ގޮތް މި ވޯކްޝޮޕްގައި ކިޔައިދޭނެއެވެ. އަދި ކަސްޓަމަރުން ދެނެގަނެ ކަސްޓަމަރުންނާ ވިޔަފާރިއާ ދެމެދު ގުޅުން ގާއިމްކުރާނެ ގޮތްތައް ކިޔައިދިނުމުގެ އިތުރުން، ވިޔަފާރި ފެށުމުގެ ކުރިން އެކި ހިޔާލުތައް ޓެސްޓުކުރުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ވޯކްޝޮޕްގެ ސަބަބުން ހުނަރުވެރި ޒުވާން ވިޔަފާރިވެރިންނާއި ޑިވެލޮޕަރުންނަށް ރަނގަޅު ހުނަރުތަކާއި އިލްމު ލިބި، އެ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ގާބިލްކަން ލިބިގެންދާނެ ކަމަށް ދިރާގާއި ސްޕާކްހަބުން ބުންޏެވެ.

މިއީ "ލީން ސްޓާޓްއަޕް މޯލްޑިވްސް"ގެ ނަމުގައި ދިރާގާއި ސްޕާކްހަބުން މި ވޯކްޝޮޕް ކުރިއަށްގެންދާ ދެވަނަ ފަހަރެވެ.