އަދުލުވެރި ސަރީއަތެއް ކޮށްފިނަމަ އެމަނިކުފާނުގެ ހަށިކޮޅުގައި އަތް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން އެހެން ވިދާޅުވީ ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފައި ވަނިކޮށް އިއްޔެ ސުޕްރީމް ކޯޓުން މިނިވަންވެވަޑައިގަތުމާ ގުޅިގެން މިރޭ ޕީޕީއެމް ޖަގަޖަ ޖަލްސާގައެވެ.
މިރޭ "ޝުކުރިއްޔާ ރައްޔިތުން"ގެ ނަމުގައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ފައިސާ އިން ވައްކަމެއް ކޮށްގެން ހައްގު ޝަރީއަތެއް ކޮށްފިނަމަ، ނުވަތަ އަދުލުވެރިކަމާ އެކީ ކަމެއް ބަލައިފިނަމަ އެމަނިކުފާނުގެ ހަށިކޮޅުގައި އަތްލެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އަންނަ ކޮންމެ އެފަދަ ހަމަލާއަކީ ގައުމު ދެކެ ލޯބިވާ، ދިވެހި ހުރިހާ ރައްޔިތުންނަށް އަންނަ ހަމަލާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވާއިރު ޕީޖީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީނުގެ މައްޗަށް އުފުލައި، ދައުވާ ކޮށްފައެވެ. އެ ދެ ދައުވާ އަކީ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައެވެ. ރ. ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ. ވ. އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.