މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު 12 ގާ ފަށާފައިވާއިރު ޖުމްލަ 8 އަޑުއެހުމެއް ވަނީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

އެންމެ ފަހުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވަނީ ކީއްވެތޯ އަދި އެ ޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ދައުލަތާ ސުވާލުކޮށްފައެެވެ. ޖަވާބުގައި ދައުލަތުގެ ބުނީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.

އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނޮވެމްބަރު 30، 2019 ވަނަ ދުވަހު ހުށައެޅިއެވެ. ޑިސެމްބަރު 18، 2019 ވަނަ ދުވަހު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވާއިރު، ޖެނުވަރީ 21، 2021 ގާ ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފައެވެ. އެ މައްސަލައިގެ ޖުމްލަ 7 އަޑުއެހުމެއް ހައި ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، މި މަހުގެ 24 ވަނަ ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިފަހަރު ޔާމީންގެ މައްޗަށް ދައުވާ ކުރީ ޔާމީނާއި ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ މަގާމުގެ ހައިސިއްޔަތުން ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.