ތިން ދުވަހުގެ ތެރޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުނުވެއްޖެ ނަމަ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުން ނިންމައިފިއެެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ ކަންކަން އަލީއަށް ހަމަޖައްސައި ދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން ކަމަށާއި، ނަމަވެސް, މިހާރު އެކަމަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށެވެ.

ހަމަ އެއާއެކު މަތީ ކޯޓުތަކަށް ވެސް އޭނާ ހާޒިރު ނުވެ, އެ ކޯޓުތަކުގެ ހުރުމަތް ކަނޑާފައި ވާކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރާއެކު މައްސަލާގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހުގެތެރޭ އަލީ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގަވައި، ގާޒީ ވިދާޅުވީ، އޭނާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ ދިނީ އަސްހަދު ޖާމިނުވެ, އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް ތިން ދުވަހުގެތެރޭ އަލީ ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަމަކު އަސްހަދު ބުނީ، އޭނާ ޖާމިނުވީ ހަތަރު މަސް ދުވަހުގެ ތެރޭ އަލީ ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށާއި އެގޮތުގެ މަތިން އޮންލައިންކޮށް އޭނާ ކޯޓަށް ހާޒިރުކޮށްދީފައި ވާނެ ކަމަށެވެ. އެހެންވެ، އަލީ ކޯޓަށް ހާޒިރުނުވުމުން ދެން އޭނާ ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

އެއާއެކު، ދައުލަތުގެ ވަކީލު ވިދާޅުވީ, އަލީ ވަހީދު ފުރަން ހުއްދަ ދިނީ އަސްހަދު ޖާމިނުވެގެން ކަމަށްވާތީވެ އޭނާއަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ފުރުން މަނާކޮށްފައި އޮތް އޮތުން ކްރިމިނަލް ކޯޓުން ބާތިލު ކުރިއިރު، ހަތަރު މަސް ފަހުން އަލީ ކޯޓަށް ހާޒިރުވާނެކަމުގެ ޔަގީންކަން އޭރު އަސްހަދު ވަނީ ދީފައެވެ.

ނަމަވެސް ހަތަރު މަސްދުވަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އަލީ ވަހީދު އެނބުރި ނާދެއެވެ. އަލީ އެދުނީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭތީ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތަށް އިންތިޒާމު ހަމަޖައްސައި، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އަލީ ހާޒިރުކޮށް ދެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ، ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެކަމަށް އިއުތިރާޒު ކުރިއެވެ.

އެހެންވެ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައި އެކޯޓުން އެ މައްސަލަ ނުބެލުމުން ދައުލަތުން ދިޔައީ ސުޕްރީމް ކޯޓަށެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީއަށް ޗިޓް ފޮނުވުމުންވެސް އޭނާ ރާއްޖެ ނައުމުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހަށް ޖަލަށް ލާން ހުކުމްކުރިއެވެ.