ރާއްޖޭގައި މިވަގުތު އޮތް ހާލަތަކީ ނިޒާމީ ވޯޓެއް ނެގުމުގެ ބުރަ ދައުލަތަށް އުފުލޭ ވަރުގެ ހާލަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އިތުރު ކެމްޕޭނެއްގެ ސަބަބުން ހަމައެކަނި އުފެދޭނީ ބޭކާރު ނަފުރަތު ނޫން ކަމަށާއި އޭގެ ސަބަބުން އިގްތިސާދީ ގޮތުން ގެއްލުންވެ ދަރަނި ވެސް އިންތިހާއަށް އިތުރުވެ، ކުރާ ހޭދަތައް ބޮޑުތަނުން އިސްރާފަަކަށް ވެގެން ދާނެ ކަމަށެވެ.

މިއީ ދައުލަތްތަކާއި އިގްތިސޯދުތައް ހިންގަން ވެގެން ދަރަނި ނެގުން ނޫން ގޮތެއް ނެތް ހާލަތެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މި ހާލަތުގައި ސިޔާސީ ވަކި ބަޔަކު ބޭނުން ވެގެން ހަރަދު ބޮޑު އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

"ބައެއް ސިޔާސީ މީހުންގެ އެދުންތައް ފުއްދަން މި ވަގުތަށް މާލިއްޔަތުން ބޭކާރު އިސްރާފެއް ކުރެވޭކަށް ނެތް،"
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

އަންނަ އަހަރަށް ލަފާކުރާ 36.99 ބިލިއަން ރުފިޔާގެ ބަޖެޓާއެކު ޝަރީފް ވަނީ ކޮވިޑުގެ މި ހާލަތުގައި އިގްތިސާދު ހަމައަކަށް އަޅުވައި އާންމު ހާލަތަށް އަންނަން ދެން ސަރުކާރުގެ ހަަރަދުތައް އިތުރުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ޝަރީފް ވަނީ ހަރަދުތައް ކުޑަކުރުން މުހިއްމު ކަމަށާއި އެހެންނަމަވެސް ހޮސްޕިޓަލަށާއި ސްކޫލުތައް އަދި މޫސުމަށް އަންނަ ބަދަލުތައް ކުރާ ހަރަދު ކުޑައެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކޮވިޑްގެ ވަބާ ނިމެން ކައިރިވެ ގައުމު ހަމައަކަށް އެޅެމުން ދާތީ ގައުމު ބަނގުރާޓޫވާ ވާހަކައާއި ދަރަނީގެ ވާހަކަ އެމްޑީޕީގެ ބައެއް ބޭފުޅުންނާއި އިދިކޮޅުގެ އިސް ބޭފުޅުން އަލުން ފައްޓަވައިފައިވާ ކަމަށެވެ.

ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ޝަރީފު ކަންބޮޑުވުން ފާޅުކުރެއްވި ވަގުތަކީ ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމުގެ ގޮތުން ތައްޔާރުކުރާ "ބަރުލަމާނީ ޕެޓިޝަން" އަށް ލައްކައަކަށް ވުރެ ގިނަ މީހުންގެ ސޮއި ހޯދާފައިވާ ވަގުތެކެވެ.