އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 76 އަށް އަރަފާއިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ވޭތުވެ ދިޔަ 24 އިރު ތެރޭ 4441 ސާމްޕަލް ޓެސްޓު ކޮށް ޕޮޒިޓިވް އަދަދު ހާމަ ކުރި އިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 15 މީހަކާއި، އަތޮޅުތެރެއިން 55 މީހަކާއި ރިސޯޓްތަކުން 6 މީހެކެވެ. މިއާ އެކު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު މި ވަނީ 1832 އަށް ދަށްވެފައެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 91،122 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭ ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ.

ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 248 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 199 މީހަކު މަރުވެފައެވެ.