ސެންޓާރާއިން ރާއްޖޭގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ރިސޯޓް ތަރައްގީކުރަން މާލެ އަތޮޅުން ތިން ރަށް ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ނިންމައި ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.

ސެންޓާރާ 3 އައިލޭންޑްސް ޕްރޮޖެކްޓް ނިންމައި ލެގޫން އެސެޓްސް އާ ހަވާލު ކޮށްފައި ވަނީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

26.29 މިލިއަން އެމެރިކާ ޑޮލަރުގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 8، 2019 ގައެވެ.

މި މަހުގެ 24 ވަނަ ދުވަހު އެ މަޝްރޫއުގެ މަސައްކަތް ނިމިފައި ވާއިރު އެ މަޝްރޫއުގެ ދަށުން ވައްޓަފަރު ފަޅުގައި އޮންނަ 3 އާޓިފިޝަލް ރަށެއްގެ ބިން ވަނީ ހިއްކާފައެވެ. މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ.

އެމްޓީސީސީއިން އިތުރަށް ބުނީ އެ މަޝްރޫއަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީހުގައި ބައިނަލްއަގްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައި މި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، ސެންޓާރާ ތްރީ އައިލޭންޑް ޕްރޮޖެކްޓަކީ ވެސް އެކުންފުނިން ވަރަށް ފުރިހަމަ އަށް ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ.