ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރޭ ނިންމަވާލައިފިއެވެ.

ނައިބު ބަންގްލަދޭޝްއަށް މި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ފަރާތްތަކުންނާއި ރައީސް އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ނައިބު ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނު ކަމަށާއި އެމަނކުފާނު ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާއެކު އެގައުމުގެ ފޮރިން މިނިސްޓަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން މަރްހަބާ ދަންނަވާފައިވާ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ވަނީ ބަންގަބަންދު މިއުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިން ސެންޓަރު (ބީކޭޓީޓީސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާ އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފަފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ނައިބު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ނައިބު ބައްދަލުކުރައްވާފައި ވާއިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އޭކޭ އަބްދުލް މޮމެން އާއި މިނިސްޓާ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވާސީސް އެމްޕްލޯއިމަންޓް އިމްރާން އަހްމަދުގެ އިތުރުން މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޑީ ޒާހިދު އަހްސަން ރަސަލް އާއި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. ދީޕޫ މޮނީ އަދި މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާ ޒާހިދު މަލީކް ހިމެނެއެވެ.

މިގޮތުން ބަންގްލަދޭޝްގެ މިނިސްޓާ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވާސީސް އެމްޕްލޯއިމަންޓް، އިމްރާން އަހްމަދާ ބައްދަލުކުރައްވާ ނައިބު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވީ އެންމެ އަވަހަކަށް ރެގިއުލަރައިޒް ކުރުމަކީ، ސަރުކާރުގެ އަމާޒެއްކަމުގައި ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި، ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުންގެ ބޭނުން، މިހާރަށްވުރެ ފަސޭހައިން ހިފުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވާ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހުރިހާ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގައި، މިނިސްޓްރީގެ އެހީއަށް ނައިބު އެދިވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިސަލް ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދިން ސްކޮލާޝިޕްގެ ފުރުސަތުތައް ގަބޫލު ކުރައްވާފައިވާ ކަމަށެވެ.

ހަމަ އެއާއެކު މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ވާއިރު މި ބައްދަލުކުރެއްވުން އޮތީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައި ކަމަަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުކުރެއްވުމަށް ފަހު، ނައިބު ޑާކާގެ ހޮޓެލް އިންޓާކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރު ނިންމަވާލެއްވުމުގެ ކުރިން ނައިބު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.