ޑިމޮކްރެސީއާ ގުޅޭ ގޮތުން އެމެރިކާއިން ބާއްވާ ސަމިޓުގައި ޗައިނާ ބައިވެރި ނުކުރާނެ ކަން އެގައުމުން ހާމަކޮށްފިއެވެ.

މި ސަމިޓް ބާއްވާނެކަން އޮގަސްޓް މަހު އެމެރިކާއިން ހާމަކޮށްފައި ވާއިރު އެގައުމުން އޭރު ބުނެފައިވަނީ މި ސަމިޓް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ތިން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އެކަން ޕްރޮމޯޓް ކުރުމާ، ކޮރަޕްޝަނަށް ނޫނެކޭ ބުނުމާއެކު ހުދުމުހުތާރު އުސޫލުތަކަށް ދެކޮޅު ހެދުމެވެ.

އެމެރިކާއިން މި ސަމިޓްގައި ބައިވެރިވުމަށް ޗައިނާއަށް ދައުވަތު ނުދިން ނަމަވެސް ޓައިވާނަށް ވަނީ ދައުވަތު ފޮނުވާފައެވެ. މިއާއެކު ޗައިނާއިން ވަނީ 'ވަން ޗައިނާ ޕޮލިސީ' އަށް އިހުތިރާމު ކުރުމަށް ގޮވާލާފައެވެ.

ޗައިނާއިން ބުނަމުން ދަނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއް ކަމަށެވެ. އަދި ޓައިވާނުން ވަކި ދައުލަތެއް އުފައްދަން މަސައްކަތް ކުރާނަމަ އެގައުމުގެ އަސްކަރިއްޔާއިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ދާދި ފަހުން އެމެރިކާއިން ޓައިވާނަށް ހަތިޔާރު ދިން މައްސަލައާ ގުޅިގެންވެސް ޗައިނާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވާޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި ބައިވެރިވުމަށް 110 ގައުމަކަށް ދައުވަތު ދީފައިވާއިރު އޭގެތެރޭގައި ދިވެހިރާއްޖެ، އިޒްރޭލް، އިންޑިއާ، ޕާކިސްތާން، ނައިޖީރިއާ، އިރާގް އަދި ބްރެޒިލް ވެސް ހިމެެނެއެވެ.

ޗައިނާގެ އިތުރުން ދައުވަތު ނުދޭ ގައުމުތަކުގެ ތެރޭގައި އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ބައެއް އަރަބި ގައުމުތައް ކަމަށްވާ މިސްރު، ސައުދީ އަރަބިއާ، ޖޯޑަން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެވެ.