ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން 2 ބޭފުޅަކު އައްޔަނުކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ ފެމިލީ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން އޮގަސްޓު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި 34 ބޭފުލުންނާ ފަނޑިޔާރުން އައްޔަނުކުރާ ކޮމިޓީން ކުރި އިންޓަވިއުތަކަށް ފަހުއެވެ.

އެގޮތުން ފެމިލީ ކޯޓުގެ ފަނޑިޔާރުކަމަށް ހޮވިވަޑައިގަތް ދެ އަންހެން ބޭފުޅުންނަކީ:

  • މައީޝާ ޔޫސުފް ސަމީރު، މ. ވިލުފުށިގެ
  • ޒައީމާ ނަޝީދު އަބޫބަކުރު، ނަޝީދީހިޔާ، އއ. ފެރިދޫ

އެ ދެ ބޭފުޅުން ފެމިލީ ކޯޓުގެ މަގާމަށް އައްޔަނުކުރަން ޖެއެސްސީން ނިންމައި، އަންނަ ހަފްތާގެ އާދީއްތަ ދުވަހުގައި ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާސް އިން ލޯ ހާސިލްކުރެއްވި މައީޝާ މީގެ ކުރިން ޕީޖީ އޮފީހުގައި ތިން އަހަރު މަސައްކަތްކުރެއްވިއިރު، އޭނާ ވަނީ އެޓޯލް ސެކްޝަނާއި ފެމިލީ އެންޑް ޗައިލްޑް ޔުނިޓުތަކުގެ ޔުނިޓް ހެޑުގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ދެން ފަނޑިޔާރުގެ މަގާމަށް ހޮވިވަޑައިގަތް ޒައީމާ ކުއްލިއްޔާއިން ޝަރީއާ އެންޑް ލޯ އިން ބެޗެލާޒް ޑިގްރީ ހާސިލްކުރެއްވައި، ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ހާސިލްކުރެއްވިއިރު، މީގެ ނުވަ އަހަރު ކުރިން ފެށިގެން ހުންނެވީ ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާގެ ގޮތުގައެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައަކީ 30،000ރ. އެވެ. އޭގެ އިތުރުން ލިވިން އެލަވަންސެއްގެ ގޮތުގައި 15،000ރ. އާއި ރިސްކް އެލަވަންސްގެ ގޮތުގައި 1،375ރ. ލިބެއެވެ.