ފެމެލީ ކޯޓުގެ ގާޒީ ޢަބްދުﷲ އަދީބަށް ސުލޫކީ ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމްކުރުމުގައި، މައްސަލަ ބެއްލެވި ގާޒީ އަދީބު ފަރުވާ ކުޑަކޮށްފައި ވާކަން ސާބިތުވެފައި ވާތީ، އޭނާގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށެވެ.

މިގޮތުން ޖޭއެސްސީގެ ގާނޫނުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ގާޒީއަށް އަންގާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ސުލޫކީ މައްސަލަ ބެލުމަށް މިތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ މިމަހު 17 ވަަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 86 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުންދާނެ ކަމަށެވެ.