ފައިސާ ޗާޕުކުރަން މަޖިލީހުން ސަރުކާރަށް ދިން ހުއްދައިގެ މުއްދަތު އެޕްރީލް 2023 ގެ ނިޔަލަށް އިތުރުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ، މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން އެމްއެމްއޭއިން ފައިސާ ޗާޕުކޮށް އެ ޗާޕުކުރި ފައިސާ ދެއްކުމުގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން 2023 އަށް ފައިސާ ޗާޕުކުރެވޭނެ އެންމެ މަތީ އަދަދަކީ 2.5 ބިލިއަން ރުފިޔާ ކަމަށް ކަނޑައެޅުމަށާއި، ފައިސާ ޗާޕުކުރާ އަދަދުގެ އިންޓަރެސްޓް ރޭޓަކީ 0.1 ޕަސެންޓެވެ.
އެ ކޮމިޓީން ފުރަތަމަ ނިންމީ، އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށެވެ. ނަމަވެސް މަޖިލީހަށް ދެވޭނީ ލަފައެއް ކަމަށާއި، ކޮމިޓީގެ ރިޕޯޓުން އެމްއެމްއޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށް ކައުންސިލް ޖެނެރަލުން އެންގުމުން، އެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވަނީ ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ.
މަޖިލީހުން މި ކަންކަމަށް ލަފާ އެރުވީ، ފައިސާ ޗާޕުކުރެވޭ މިންވަރުން އިންފްލޭޝަން ރޭޓަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ނާޝިޒް ވަނީ ވިދާޅުވެފައެވެ. އަދި މީގެ ބޭނުމަކީ އިންފްލޭޝަން ރޭޓް ހިފެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ފައިސާ ޗާޕުކުރެވޭ ވަރާއި އެ އަދަދު އަނބުރާ ދައްކަން ޖެހޭ މުއްދަތު ބަޔާންކޮށްފައިވާ މާއްދާއަށް އަމަލުކުރުމުގެ އިސްތިސްނާ ދޭން މާލިއްޔަތު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 42 މެމްބަރުން ކަމަށްވާއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ ދެ މެމްބަރުންނެވެ.
މި ގާނޫނުގައިވާ ގޮތުން، ފައިސާ ޗާޕުކުރެވޭނީ އެންމެ ފަހު ތިން އަހަރުގެ ސަރުކާރުގެ އާމްދަނީގެ އެއް ޕަސެންޓު ކަމަށްވާއިރު، ތިން މަހުގެ ތެރޭ އެ އަދަދު ދައްކަން ޖެހެއެވެ. ނަމަވެސް ކޮވިޑާ ހެދި ސަރުކާރުގެ އާމްދަނީ ދަށްވުމުން، އަހަރު ދުވަހަށް އެ މާއްދާ އިސްތިސްނާ ކޮށްދޭން އެދުމަށްފަހު، ސަރުކާރުން އަނެއްކާވެސް އެދިގެން ދެވަނަ ފަހަރަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ.