ހުޅުމާލެ ދެވަނަ ފޭސްގައި އަޅައިފައިވާ 25 ބުރީގެ ހިޔާ ފްލެޓުތަކަކީ އެއްވެސް ޕްލޭނެއް ނެތި ކޮށްފައިވާ ކަމެއް ކަމަށާއި އެތަން ތަޅާލަން ވިސްނެވި ކަމަށް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ފެށި އެ މަސައްކަތް މި ސަރުކާރު އައިރު އެ މަސައްކަތް އޮތީ ނުހުއްޓުވޭނެ ހިސާބަށް ގޮސްފާ ކަމަށެވެ. އެހެންނަމަވެސް އެތަން ތަޅާލަން ވިސްނެވި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ވިސްނިން ތަޅާލަން ވެސް، އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް. އޭރުވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ. އެ ވާހަކަ ދައްކަން ފެށީމާ އަޅުގަނޑާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވި، ތިޔަ ހެވޭ ކޮތަރު ކޮށްޓަކަށް ވިޔަސް ތިމަންނަ މެންނަށް ދޭށެ ތިތަން، އެހެރީ ދީފަ،"
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ ރައްޔިތުންގެ އެދުމަށް އެތަން ދިނުމުން، މިހާރު ދައްކަނީ ދިމާވާ މައްސަލަތަކުގެ ވާހަކަ ކަމަށާއި އެކަންކަން ވާނޭ ކަން ކުރި ވެސް އެނގެން ވާނެ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްތަކަށް މުޅި އައްޑުއަށް ވުރެ ބޮޑު އާބާދީއެއް ވަންނާނެ ކަމަށާއި އެތަން ބަލަހައްޓާ މެނޭޖު ކުރުމަކީވެސް ބޮޑު ގޮން ޖެހުމެއް ކަމަށެވެ.

"ސަރުކާރުން ބަލަހައްޓާނެ ދެން. ކުރިއަށް އަންނަން އޮތް ހުރިހާ ސަރުކާރަކުން ވެސް ބަލަހައްޓާނެ. ގޯސް ނިންމުމަކަށް ބިނާވެގެން ގޮސް ނިމިފައި އޮތް ނިންމުމަކަށް ވީމާ މި ހިސާބަށް މިކަން ގޮސް މިއޮތީ،"
އަސްލަމް

އަސްލަމް ވިދާޅުވީ، ނިންމުން ގޮސްވި ނަމަވެސް ދެން ހެދޭނެ ގޮތެއް ނެތް ކަމަށާއި، ގޮންޖެހުންތަކާ އެކުވެސް އެތަން ސަރުކާރުން ދެން ބަލަހައްޓާނެ ކަމަށެވެ. 7000 ފްލެޓުގައި 35000 އެއްހާ މީހުން ދިރިއުޅޭ އިރު ކުއްކުރާ މީހުން ހުއްޓުވުމަށް ފުލުހުންވެސް ހަރަކާތްތެރިވެ ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށާއި އެނޫން ގޮތެއް ދެން ނެތް ކަމަށް އޭނާ ވިދާޅުވެއެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުޑަ ޖާގައެއްގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެން ވީމައި މުޅި އައްޑޫގައި ތިބި ފުލުހުންނާއި ސިފައިން ފްލެޓްތަކުގެ ތެރެއަށް ލައިގެންވެސް އެކަން އޮންނާނީ ނުވެފައި ކަމަށެވެ.