އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަދި ކައިރީގައިވާ ސިޓީތަކާއި އަވަށްތަކުގައި ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވުމާ ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތް ހުއްޓާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ ދީފިއެވެ.

މިކަމާ ގުޅިގެން އެގައުމުގެ އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވަނީ އިމާރާތް ކުރުމުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ ދީފައިވީ ނަމަވެސް ސްކޫލްތަކާއި އޮފީސްތައް ހުޅުވާލުމާމެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ދިއްލީގައި ވައި ތަޣައްޔަރުވުމާ ގުޅިގެން ދިއްލީގެ ސްކޫލްތައް ބަންދުކޮށްފައި ވަނީ ހުރިހާ ރައްޔިތުންގެ ވެސް ރައްކާތެރިކަމަށްޓަކައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު މަޑުމަޑުން ވައިގެ ކޮލިޓީ ރަނގަޅުވަމުން އަންނަ ކަމަށާ އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލުމާއެކު އެތައް ބަޔަކަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުން ދާތީ އެ ހުއްދަ ދިނުމަށް ނިންމީ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ގޯޕާލް ރާއީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ހުއްދަ ދީފައިވީ ނަމަވެސް ސައިޓުތަކުގައި މަސައްކަތް ކުރަމުދާ ގޮތް ގާތުން މޮނިޓާ ކުރެވޭނެ ކަމަށާ އެކުލަވާލާފައިވާ އުސޫލުތަކަށް އަމަލުކުރަމުން ގެންދޭތޯ ބަލަމުން ދާނެ ކަމަށެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް މި މައްސަލަ ކުރިމަތިވުމާ ގުޅިގެން އެގައުމުގެ ސެންޓްރަލް ޕޮލިޔުޝަން ކޮންޓްރޯލް ބޯޑުން ވަނީ ވައި އިތުރަށް ނުސާފުވެ، ހާލަތު އިތުރަށް ގޯސްވާނަމަ، ކުއްލި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ބުނެފައެވެ. އަދި ގޭގައި އުޅޭއިރުވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސް ކުރާ ކަމަށް ސެންޓްރަލް ޕޮލިޔުޝަން ކޮންޓްރޯލް ބޯޑުން ބުނެއެވެ.

އިންޑިއާގައި ވައި ނުސާފުވެ ހާއްސަކޮށް ދިއްލީއާ ކައިރި ސިޓީތަކަށް މި މައްސަލަ ދިމާވެފައި ވަނީ ދިވާލީއާ ގުޅިގެން އުފާފާޅުކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އަންދާ އެއްޗެހިން ދުންއެރުވުމާ ގުޅިގެން ކަމަށް ބުނެއެވެ. މިކަން މަނާ ކޮށްފައިވީ ނަމަވެސް ގިނަ ބަޔަކު ސިއްރުން އެކަން ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.