ރާއްޖޭގައި ބޭންކު ހިންގުމަށް ލައިސަންސް ދޫކޮށްފައިވާ ބޭންކުތަކުގެ ތެރެއިން ރާއްޖޭގެ އިގުތިސާދަށް އިންވެސްޓު ނުކުރާ ބޭންކުތަކާ މެދު ފިޔަވަޅުއަޅަން ޖެހޭނެ ކަމަށާއި އެމްއެމްއޭއިން ރެގިއުލޭޓަރެއްގެ ދައުރު އަދާ ނުކުރާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި 2022 ވަނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ތަޅުމުގައި ބަހުސް ކުރައްވަމުން ޝަރީފު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން އަދާކުރާ ރެގިއުލޭޓަރީ ދައުރު، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުން އަދާނުކުރާ ކަމަށެވެ. އެގޮތުން ލައިސަންސް ދޫކޮށްފައިވާ ބޭންކުތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރާކަން އެމްއެމްއޭއިން ކަށަވަރު ނުކުރާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭންކެއް ހިންގަން ހުއްދަ ދޭއިރު ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާ ކަންކަމަށް އިންވެސްޓް ކުރަން ޝަރުތުތަކެއް ކުރާ އިރު ބައެއް ބޭންކުތަކުން އެގޮތަށް އަމަލު ނުކުރި ނަމަވެސް ރެގިއުލޭޓަރު އަޅާނުލާތީ ޝަރީފު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ޗާޕް ކޮށްގެން ސަރުކާރުން ފައިސާ ނަގާ މައްސަލާގައި ޝަރީފް ވިދާޅުވީ އިގްތިސާދީ ހާލަތު އޮތް ގޮތުން އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި އިގްތިސާދީ ހާލަތު އަލުން ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިގްތިސާދު ވީހާވެސް ބޮޑަށް ފުޅާވާ ގޮތަށް ސިޔާސަތުތައް އެކުލަވާލަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.