ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ފަދަ ތަކެތި ވެއްދުމަކީ ހައްލެއް ނުލިބި، ދުވަސްވެފައިވާ މައްސަލައެއް ކަމަށާއި، މަދުން ނަމަވެސް ކަރެކްޝަންސްގެ އޮފިސަރުން މިފަދަ ތަކެތި ޖަލުތަކަށް ވެއްދުމަށް ގައިދީންނަށް އެހީތެރިވާ ކަމަށް، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އިއްޔެ ހޯމް ސެކްޓަރު (ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް އާއި ފުލުހުން) ބޭއްވި ޕްރެސް ބްރީފިންގައި "ދަ ޕްރެސް" އިން ކުރި ސުވާލަށް ދެއްވި ޖަވާބުގައި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ވިދާޅުވީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވެއްދުމަކީ ހައްލެއް ލިބިފައި ނުވާ، ދުވަސްވީ މައްސަލައެއް ކަމަށެވެ. ސަބަބަކީ ޖަލުތައް ހިނގަމުން ދަނީ އާންމުންގެ އާބާދީއާ އެއްކޮށް ކަމަށް ވެފަައި، ސެކިއުރިޓީ ބެލެހެއްޓުމުގައި ތަފާތު ގޮންޖެހުންތައް ދިމާވާތީ ކަމަށެވެ.

އެއާއެކު، ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވެއްދުމުގައި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންގެ އެހީތެރިކަން ގައިދީން ހޯދާ ކަމާއި، ބައެއް އޮފިސަރުން ގައިދީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް އަހުމަދު ފާހަގަ ކުރެއްވިއެވެ.

"މިކަމުގައި މަދުން ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންގެ އެހީތެރިކަން ގައިދީން އެބަ ހޯދާ، އަދި މިކަމުގަ އޮފިސަރުން އެބަ އެހީތެރިވެދޭ." އަހުމަދު ވިދާޅުވިއެވެ.

އެހެންވެ، ފުލުހުންނާ ގުޅިގެން އެފަދަ އޮފިސަރުންނަށް ފާރަލައި، އެ އޮފިސަރުން ހޯދުމުގެ މަސައްކަތް ކަރެކްޝަންސް އިން ކުރަމުންދާ ކަމަށާއި، އެގޮތުން މިހާރުވެސް ބައެއް އޮފިސަރުން ހޯދައި، ފިޔަވަޅު އަޅާފައިވާނެ ކަމަށާއި، ތަހުގީގު ކުރިއަށް ދާތީ ބައެއް އޮފިސަރުން މިވަގުތު ބަންދުގައި އެބަތިބި ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ހަމައެއާއެކު، ޖޭމަރު ބޭނުންކޮށްގެން މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަން ފާހަގަ ކުރައްވައި، އަހުމަދު ވިދާޅުވީ މި މައްސަލައަށް އުންމީދީ އަދި ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވި، ޓެކްނިކަލް ސޮލިއުޝަނެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރަނީ ނެޓްވޯކް ބްލޮކް ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސޭތޯ ކަމަށްވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުތެރޭ އަޅުގަނޑުމެންނަށް އެ މިސްރާބަށް މަސައްކަތްކުރެވިގެން ދާނެ." އަހުމަދު ވިދާޅުވިއެވެ.

އިއްޔެގެ ޕްރެސްގައި ކޮމިޝަނަރުގެ ވާހަކަތަކަށް ބާރުދެއްވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ޕްރިޒަންސްގެ އޮފިސަރެއް މީގެ ތެރޭގައި ހިމެނޭ ނަމަ، މިއީ ސަރުކާރުން އެއްވެސް ވަރަކަށް ބަލާނުލާ ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: ދަ ޕްރެސް

"މިއީ އަޅުގަނޑުމެން ބަލާނުލާ ދޫ ނުކުރާ ކަމެއް" އިމްރާން ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން މިފަދަ މައްސަލަތަކުގައި ހިމެނޭ އޮފިސަރުންނަށް އެއްވެސް ތަފާތެއް ނެތި މަގާމުގެ ކުރިއެރުން ލިބިފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރު އައިފަހުން އެ އުސޫލަށް ބަދަލު ގެނެވި، މިފަދަ މައްސަލަތަކުގައި ފާހަގަކުރެވޭ ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ނުދީ ހިފެހެއްޓފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އަދި މިކަންތައްތައް ދެނެގަނެ، މިފަދަ އޮފިސަރުން ހޯދާ ފިޔަވަޅު އެޅުމަށްޓަކައި ކަރެކްޝަންސްގެ ތެރެއިން ހާއްސަ ޔުނިޓެއް އުފައްދާފައި ވާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ތިން އަހަރު ދުވަހުގެތެރޭ ޖަލުތަކުން ޖުމްލަ 800 ފޯނާއި، ހަ މަސްދުވަހުގެ ތެރޭ 1800 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު، އިމްރާން ވިދާޅުވީ "މައްސަލަ އެބައޮތް" ކަމަށާއި، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމާބެހޭފަރާތްތަކުން ދަނީ މަސައްކަތްތައް ކުރަމުން ކަމަށެވެ.