2019 ގެ ޑިސެމްބަރުގެ ކުރީކޮޅު ވަޒީފާއިން ކަނޑާލި ފެނަކައިގެ ދެ މުވައްޒަފަކަށް ފައިސާގެ ބަދަލާއެކު، ވަޒީފާ އިއާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ފެނަކައަށް އަމުރު ކޮށްފިއެވެ.

ލ. ގަމުގެ ބްރާންޗުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކަނޑާލާފައިވަނީ ފެނަކައިގެ ދެ މުވައްޒަފުންނަކީ، ސްޓޭޝަން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި ހުސައިން ހަލީމާއި، ސްޓޭޝަން އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި އަލީ ދާއޫދެވެ.

މިމަހުގެ 15 ގައި ވަކިވަކިން ނިންމާފައިވާ ދެ މައްސަލާގައި ޓްރައިބިއުނަލުން ބުނީ، ދެ މުވައްޒަފުންވެސް ވަޒީފާއިން ކަނޑާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި، އެހެންކަމުން އެ ދެ މީހުންގެ ވަޒީފާތައް އަލުން އިއާދަކޮށް، ވަޒީފާއިން ކަނޑާލި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ލިބުނު ދުވަހާ ހަމައަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ.

މިމަހުގެ ކުރީކޮޅުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ށ. ބިލެތްފަހީގެ ފެނަކަ ބްރާންޗުން މިދިޔަ އަހަރު ކަނޑާލި ހަތަރު މުވައްޒަފެއްގެ ވަޒީފާ އިއާދަކުރުމަށް އަމުރުކޮށްފައެވެ. ފެނަކައިން ބުނީ އެ މުވައްޒަފުން ވަޒީފާއިން ކަނޑާލީ އެ ކޯޕަރޭޝަންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކާފައިވާތީ ކަމަށެވެ.

ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ތަކަކަށް ވަޒީފާ އަނބުރާ ދިނުމަށް ޓްރައިބިއުނަލުން އަންގާފައި ވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް، އެކަށީގެންވާ ސަބަބެއް ނެތި ކަނޑާލި މުވައްޒަފުންނަށް މުސާރައާ އެކު ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ވަނީ މިދިޔަ އޭޕްރިލް މަހު ހުކުމް ކޮށްފައެވެ.