އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅު ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަނުން "މިނިވަންކަމުގެ ދިފާއުގައި" ބޮޑު ހިނގާލުން މިއަދު ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.

މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ ބައެއް އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މިއަދުގެ ހިނގާލުމުގައި އިންޑިއާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށާއި ރާއްޖެ އިންޑިއާގެ އަޅުވެތިކަމުގައި އޮތް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. މީގެއިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ފަދަ ބޭފުޅުންގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ.

ފުވައްމުލަކަށް ނިސްބަތްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުގެ ހިނގާލުމަކީ ފުވައްމުލަކުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ސުލްހަވެރި ސިޔާސީ ހަރަކާތް ކަމަށާއި ރައްޔިތުންގެ އަޑަކީ މިނިވަންކަން ދިފާއުކުރާން ކަމާއި އެމްޑީޕީގެ މަކަރުވެރި ސިޔާސަތައް ދެން ޖާގަ ނުދޭނެ ކަމަށެވެ.

އެ ހަރަކާތް މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދަމުން އަންނައިރު އެ ހަރަކާތަކީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް އޮތް ހަރަކާތެއް ނޫން ކަމަށާއި، މި ހަރަކާތުގައި ހުރިހާ ސިޔާސީ ފަރާތްތަކާއި އާންމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.