ޗައިނާގެ ޓެނިސް ކުޅުންތެރިޔާ ޕެންގް ޝުއާއީ މިހާރު ހުރި ތަނެއް އަންގާ އޭނާ ސަލާމަތުހުން ހުރިކަން ކަށަވަރުކުރުމަށް އދއާއި އެމެރިކާއިން ޗައިނާއަށް ގޮވާލައިފިއެވެ.

އދއާއި އެމެރިކާއިން މިގޮތަށް ގޮވާލާފައިވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޕެންގް އާންމުންގެ ތެރެއިން ފެނިފައި ނުވާތީއެވެ. އޭނާގެ ސަލާމަތާ މެދު ސުވާލުތައް އުފެދުނީ އާންމުންގެ ތެރެއިން އޭނާ ގެއްލުމުގެ ކުރިން 35 އަހަރުގެ އެ ޓެނިސް ކުޅުންތެރިޔާ ޗައިނާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު އޭނާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތައް ކުރުމުންނެވެ. އޭނާ މިތުހުމަތު ކުރީ ޗައިނާގައި ބޭނުން ކުރާ ސޯޝަލް މީޑިއާ ސައިޓް ވައިބޯގައި ކުރި ޕޯސްޓެއްގައެވެ. ކުރީގެ ބޮޑުވަޒީރުގެ ނައިބަށް ތުހުމަތުކުރި ފަހުން ޕެންގްގެ ހަބަރެއް ވެސް ނުވާ އިރު މި ޕޯސްޓް ވެސް މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ.

ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިންނާއި ކުޅިވަރު ޖަމާއަތްތަކާއި ސަރުކާރުތަކާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ އޭނާގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ބޭނުން ވަނީ ޕެންގް މިހާރު ހުރިތަނުގެ މައުލޫމާތު ޗައިނާ ސަރުކާރުން މިނިވަންކަމާއެކު ކަށަވަރުކޮށް ދިނުމަށް ކަމަށާ މި މައުލޫމާތަކަކީ އެހެން ފަރާތަކަށް ވެސް އޭގެ ސައްހަކަން ދެނެގަނެވޭނެ މައުލޫމާތަށް ވާން ޖެހޭނެ ކަމަށެވެ.

އދން ބުނެފައިވަނީ ޕެންގްގެ ތުހުމަތުތައް މިނިވަން ކަމާއެކު ތަހްގީގު ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އޭނާ މިހާރު ހުރި ތަނަކާ އޭނާގެ ހާލު ރަނގަޅުކަން އެނގުމަކީ މުހިންމު ކަމެއް ކަމަށް ވެސް އދން ވަނީ ބުނެފައެވެ.

ޗައިނާގެ ނަން މަޝްހޫރު ބައެއް މީހުން މިގޮތަށް އާންމުންގެ ތެރެއިން ގެއްލުވާލުމަކީ ޗައިނާގައި އާންމު ގޮތެއްގައި ހިނގާ ކަމެކެވެ. ހާއްސަކޮށް މިހާރު އޮތް ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކާ މެދު މިފަދަ ގޮތަކަށް އަމަލުކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.