ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭކަމަށް ބުނެ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒީނިޔާ މަގާމުން ވަކިކޮށްފައިވަނީ ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭކަމަށާއި، ކޮމިޝަން ހިންގުމުގައި އިހުމާލުވުމުގެ ސަބަބުންނެވެ.

މި މަހުގެ 20 ވަނަ ދުވަހު ޒީނިޔާ ވަނީ ތިން ދުވަހަށް ސަސްޕެންޑު ވެސް ކޮށްފައެވެ. ޒީނިޔާ ސަސްޕެންޑްކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން، މަސައްކަތް ހުއްޓާލުމަަށްފަހު އެ ކޮމިޝަނުގެ މުވައްޒަފުން ގެއަށްވެސް ގޮސްފައެވެ. މީގެ އިތުރުން ބްރޮޑްކޮމްގެ މުވައްޒަފުންގެ މަސައްކަތްތަކަށް އެ ކޮމިޝަނުގެ ރައީސް ސަފާ ޝަފީގު އަދި މެންބަރުން ހުރަސް އަޅަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ ހުރިހާ ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ބްރޯޑްކޮމްގެ ބަހެއް ހޯދުމަށް "ދަ ޕްރެސް" އިން މަސައްކަތް ކުރި ނަމަވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބްރޯޑްކޮމްގެ އިންފޮމޭޝަން ޓެކްނޮލޮޖީ އޮފިސަރުވެސް މި މަހުގެ 22 ވަނަ ދުވަހު ވަނީ 7 ދުވަހަށް ސަސްޕެންޑުކޮށްފައެވެ. އައިޓީ އޮފިސަރު ސަސްޕެންޑްކޮށްފައި ވަނީ އެ ކޮމިޝަންގެ ސާވާއަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުލީލަކުން ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައިވާތީ، އެކަންކަން ތަހުގީގު ކުރުމަށް ކަމަށް އެ ކޮމިޝަނުގެ ރައީސް ސޮފާ ޝަފީގު ވަނީ ވިދާޅުވެފައެވެ.