އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޗައިނާ އާ ދެކޮޅަށް ފައްޓަވާފައި ވާ ވިޔަފާރީގެ ހަނގުރާމަ އާ ހަރުފަތަކަށް ހިގައްޖެއެވެ. 25 ޕަސެންޓުން އިތުރު ކުރަން ފެށި އިމްޕޯޓް ޑިއުޓީ އެމެރިކާއިން މިހާރު ވަނީ 145 ޕަސެންޓަށް ޖައްސާފައެވެ. އެ ރޭހުގައި ޗައިނާ އިން ވެސް ދޫނުދީ ޗައިނާއަށް އިމްޕޯޓު ކުރާ އެމެރިކާގެ މުދަލަށް ޑިއުޓީ ނަގާ މިންވަރު މިހާރު ވަނީ 125 އަށް ޖައްސާފައެވެ.

މިއާއެކު ދުނިޔޭގެ ބާޒާރަށް ލޮޅުން އަރަމުން ދާއިރު, ތެލުގެ އަގު ދަށް ވެ ސްޓޮކް އެކްސްޗޭންޖުގައި އެކިއެކި ކުންފުނިތަކުގެ ޝެއާގެ އަގުތައް ވަނީ ވެއްޓިފައެވެ. މާލީ ގޮތުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންޔަކާ ކުތިމަތިވަމުން އަންނަ އިރު ޗައިނާއިން ބުނެފައި ވަނީ, ވިޔަފާރީގެ ނަހަމަ އުސޫލުތައް ބޭނުން ކޮށްގެން އެމެރިކާއިން ޗައިނާ އަށް ބުލީ ކުރަނީ ކަމަށާއި, އެމެރިކާ އަށް ދޫދިނުމެއް ނެތް ކަމަށެވެ. އެއާއެކު މިއަދު އާންމު ކުރި އަނެއް ފިޔަވަޅަކީ އެމެރިކާގައި އުފައްދާ އެއްވެސް އެއްޗެއް ޗައިނާއަށް އެތެރެ ނުކުރުމުގެ ފިޔަވަޅެވެ. ޗައިނާ އިން ބުނީ, އެމެރިކާއިން ބޭނުން ވަނީ އެ ހަނގުރާމައިގައި ދެމި އޮންނަން ކަމަށް ވާނަމަ ޗައިނާ އިން އެގޮތުގައި ދެމި އޮންނާނެ ކަމަށާއި އެންމެ ފަހާ ޖެހެންދެން ކުރިއަށް ދާނެ ކަމަށެވެ.

އެމެރިކާއިން ދުނިޔޭގެ 60 ގައުމަކަށް ޑިއުޓީ ބޮޑުކޮށް ހާސްކަމުގެ ތެރެއަށް ވައްޓާލި ނަމަވެސް މިހާރު ވަނީ ޗައިނާ ފިޔަވައި އެހެން ހުރިހާ ގައުމަކަށް ބޮޑު ކުރި ޑިއުޓީ 90 ދުވަހަށް ހިފަހައްޓާފައެވެ. ޓްރަމްޕް ވިދާޅުވަނީ އޭނާގެ ޓެރިފް ޕޮލިސީ ކާމިޔާބު ކަމަށެވެ. ނަމަވެސް އިގްތިސޯދީ މާހިރުން ބުނަމުން ގެންދަނީ, ޓްރަމްޕްގެ އިގްތިސޯދީ ސިޔާދަތުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި ހުރިހާ ދެރައެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމަށާއި އެ ސިޔާސަތު ދަމަހައްޓަން ވެއްޖެ ނަމަ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ އިގުތިސޯދު ފުނޑުފުނޑު ވާނެ ކަމަށެވެ.

ޓްރަމްޕްގެ ޓެރިފް ސިޔާސަތަކީ އެހެން ގައުމުތަކުގައި އުފައްދައިގެން އެމެރިކާ އަށް އެތެރެ ކުރާ އެއްޗެހި މަދު ކޮށް ނުވަތަ ހުއްޓުވާލައި އެފަދަ ތަކެތި އެމެރިކާގައި އުފެއްދުމަށް އެމެރިކާގައި އިންވެސްޓް ކުރަން ކުންފުނިތަކަށް މަޖުބޫރު ކުރުމުގެ ސިޔާސަތެކެވެ. އޭނާ ވިދާޅުވަނީ އެހެން ހެދުމުން އެމެރިކާގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އުފުލިގެން ދާނެ ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ވިޔަފާރި ކުންފުނިތައް މިހާރު އިންވެސްޓް ކޮށް ބޮޑެތި ކާރުހާނާތައް ހަދާފައި ވަނީ ޗައިނާ, ވެއިޓްނާމް, ކެމްބޯޑިއާ, މެލޭޝިއާ, އިންޑިއާ ފަދަ, މީހުންނާއި ވަސީލަތްތައް އަގުހެޔޮ ގައުމުތަކުގައެވެ. އެގައުމުތަކުގައި އުފައްދައިގެން އެމެރިކާ އަށް ގެންގޮސް ވިއްކިޔަށް އެމީހުން އެމެރިކާގައި ފެކްޓްރީ ހަދައިގެން އުފައްދާ ބާޒާރަށް ނެރެ ވިއްކުމަށް ވުރެ އަގު ހެޔޮވެއެވެ. އެހެން ކަމުން ޓްރަމްޕް ގެ މިސިޔާސަތަކީ ހަމަޖެހޭ ސިޔާސަތެއް ނޫން ކަމަށް މާހިރުން ބުނެއެވެ.

ޗައިނާ އާ ދެކޮޅަށް ޓްރަމްޕް ފެއްޓެވި މި ހަނގުރާމަ ކުރިއަށް ދާއިރު, އެމެރިކާ އަށް 3 ވަނަ އަށް އެންމެ ގިނައިން އިމްޕޯޓް ކުރާ ގައުމަކީ ޗައިނާއެވެ. އެކެއް ދޭއްގައި އުޅެނީ ކެނެޑާ އާއި މެކްސިކޯއެވެ. އެދެގައުމަކީ އެމެރިކާ އާ އިންވެގެން އޮންނަ ދެ ގައުމެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ޑިއުޓީ ބޮޑޫ ކުރެއްވީ އެ 2 ގައުމަށެވެ. އޭގެ ފަހުން ޗައިނާ އާ ހަނގުރާމަ ފެއްޓެވި އިރު އެ ދެގައުމުގެ ދެމެދުގައި އަހަރެއްގެ މައްޗަށް 625 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށް ހިސާބުތަކުން ދައްކައެވެ. ޗައިނާއިން އެމެރިކާ އަށް އެންމެ ގިނައިން އެތެރެ ކުރާ ތަކެތީގެ ތެރޭގައި ލެޕްޓޮޕާއި މޮބައިލް ފޯނު ހިމެނެއެވެ. އަދި ލިބުން ދަތި މިނެރަލް އާއި ކާބޯތަކެތީގެ ބައެއް ބާވަތްތައްވެސް ހިމެނެއެވެ.

އެމެރިކާ އިން ޗައިނާ އަށް އެންމެ ގިނައިން އެތެރެ ކުރާ ތަކެތީގެ ތެރޭގައި މަތިންދާބޯޓު އުފެއްދުމަށް ބޭނުންވާ ބައެއް އާލާތްތަކާއި ކާބޯތަކެތީގެ ބައެއް ބާވަތްތައް ހިމެނެއެވެ.