ޗައިނާގެ އެކި ހިސާބުތަކަށް ވައި ބާރުވަމުން ދާ އިރު ވެރިރަށް ބެއިޖިން އާއި ޓިއާންޖިން ފަދަ ސަރަހައްދުތަކަށް ގަޑިއަކު 150 ކިލޯމީޓަރުގެ ބާރު މިނުގައި ވައި އަންނައިރު 50 ކިލޯ އަށް ވުރެ ލުއި މީހުން ބޭރަށް ނުނިކުންނަށް އަންގައިފިއެވެ.
އިދާރާތަކުން ބުނީ, 50 ކިލޯ އަށް ވުރެ ލުއި މީހުން ބޭރަށް ނިކުމެގެން އުޅެނިކޮށް ވަޔާ އެއްލާލުމުގެ ފުރުސަތު އެބައޮތް ކަމަށެއެވެ.
އަންނަ އާދީއްތަ ދުވަހާ ހަމައަށް ބާރު ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައި ވާ އިރު, ވެރިރަށް ވެއިޖިންގައި ވެސް ވަނީ މި އިންޒާރު ނެރެފައެވެ.
ޗައިނާގެ ތެރެއަށް ބާރު ވައި އަންނަނީ ނުވަތަ ވައި ޖެހުމުން ދަނީ ކައިރިން މޮންގޯލިއާ ދިމާ އިންނެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް މި މޫސުމުގައި އާންމު ކަމެއް ނަމަވެސް މިއަހަރު ޖެހުމުން ދާ ވައި އެހެން އަހަރުތަކާ ނުބައްދަލު ކަމަށާއި މާބޮޑަށް ވެސް ބާރުވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ވައިގެ ބާރުމިން މިން ކުރުމަށް ގެންގުޅެނީ 1 އިން ފެށިގެން 17 އާ ހަމައަށް ނަމްބަރު ދޭ އުސޫލެކެވެ. ދަރަޖަ 11 ގައި ހުރި ނަމަ އެއީ ސީރިއަށް ގެއްލުންތަކެއް ލިބޭނެއެވެ. ދަރަޖަ 12 އަށް އަރާނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. މިހާރު ޖެހެމުން ދާ ވައިގެ ބާރުމިން ދަރަޖަ ކޮށްފައި ވަނީ 11 އާއި 13 އާ ދެމެދުގައެވެ.
ބާރު ވައިގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތަކުން ސަލާމަތް ވުމުގެ ގޮތުން, އައުޓްޑޯ ހުރިހާ ހަރަކާތްތަކެއް މި ދެތިން ދުވަހަށް ވަނީ މެދުކަނޑާލާފައެވެ. ޕާކްތަކާއި ފަތުރުވެރި މަންޒިލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.