ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ޑްރެސްކޯޑާ ހިލާފުނުވާނަމަ، ތަފާތުކުރުމެއްނެތި ކޮންމެ ނޫސްވެރިއަކަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތުދޭނެ ކަމަށް ރައިސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޑްރެސްކޯޑާ ހިލާފުވުމުގެ ސަބަބުން އަދަދު ނޫހުގެ ނޫސްވެރިޔާ އަހުމަދު އާއިދުއަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައީސް އޮފީހުގައި ބާއްވާ ނޫސްވެރީންގެ ބައްދަލުވުންތަކަށް ދައުވަތުދޭ އިރު އެ ބައްދަލުވުމަކަށް ހާޒިރުވާނެ ޑްރެސްކޯޑް، ދައުވަތުގައި ހިމަނާފައި ވާނެ ކަމަށެވެ. އަދި ބައްދަލުވުމަށް ނަންނޯޓު ކުރާ ނޫސްތަކަށް އެކަން ހަނދާންކޮށްދެމުންދާކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
ޑްރެސްކޯޑާ ހިލާފަށް، ހެދުން އަޅައިގެން އަންނަ ނޫސްވެރިޔާއަަށް ވަގުތު އޮތް ނަމަ، ޑްރެސްކޯޑާއި އެއްގޮތަށް ހެދުން އަޅައިގެން އައުމަށް އަލުން ފުރުސަތުދޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އަދި ރައީސް އޮފީހަށް ވަދެ ނުކުމެވުމުގައި މިހާރު އަމަލުކުރަމުންދާ ޑްރެސްކޯޑުގެ އުސޫލު އެކުލަވާލާފައި ވަނީ 2017 ވަނަ އަހަރު ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރައީސް އޮފީހުން ބާއްވާ އިވެންޓަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާއި އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށް ވެސް އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އެއްވެސް ތަފާތުކުރުމެއް ނެތި ދެމުން ގެންދާނެ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާ ނޫސްވެރިންގެ ޑްރެސް ކޯޑަކީ އޮފިޝަލް (ގަމީހާއި ޓައީ/ އޮފީސް ހެދުމެއް)ކަން އެ ބައްދަލުވުމުގެ ދައުވަތުގައި ވެސް ފާހަގަކޮށްފައިވެއެވެ.