ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، މަޖިލީހުގެ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.

ކޮމިޓީން ބަޖެޓް ފާސްކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބެލުމަށް ފަހުއެވެ. މި ގޮތަށް ބަޖެޓް ފާސްކޮށްފައި ވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރު ކޮށްފައި ވާއިރު އެއީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމްލަ 57.4 މިލިއަން ރުފިޔާ އާއި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

މި ހަރަދުތަކާ އެކު ކޮމިޓީން ރޭ ފާސްކުރީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވާ 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް މެންބަރުން ވަނީ އެ އަދަދު ފާސްކޮށްފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނީ 34 ބިލިއަން ރުފިޔާ ކަމަށް ހުށަހެޅި ބަޖެޓުގައި ކަނޑައެޅި ނަމަވެސް މަޖިލީހުގެ ބަޖެޓަށް އިތުރުކުރި ފައިސާއާ އެކު ހަރަދުގެ ޖުމްލަ އަދަދުގެ ގޮތުގައި ފާސްކުރީ 34.10 ބިލިއަން ރުފިޔާއެވެ.