ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން އަންނަ މަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ހިންގާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ޔާމީން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހެރުމުގެ އިތުރުން އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.