ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެ ޖަލަށް ލާފައިވާ ދެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އެ މީހުން މިނިވަންވެފައި ވަނިކޮށް އެ ދެ މީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، އެޕްރީލް 23، 2017 ދުވަހުގެ ވަގުތެއްގައި ސ.ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް ޔާމީން ރަޝީދު ވަނުމުން ޔާމީން ރަޝީދު ހިފަހައްޓާ ތޫނު ހަތިޔާރުން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ މައްސަލައިގައި މިއަދު ހައިކޯޓުގައި ވަނީ އިސްތިއުނާފީ މައްސަލަ ބަލައި ނިންމާފައި ކަމަސެވެ. އެކޯޓުން ވަނީ ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު އާއި ހުޅުމާލެ ގޯތި ނަންބަރު 11399 އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށް ސާބިތުވި ދައުވާތައް ބާތިލްކޮށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހްވީލް ކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ހައިކޯޓުގެ މި ނިންމުމާ ގުޅިގެން، ހައިޝަމް ރަޝީދު އާއި، އަހްމަދު ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، އެ ކޯޓުން ވަނީ، ތަހްވީލް ކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުކުރަން ނިންމާފައި ކަމަސް ޕީޖީ އޮފީހުން ބުނެއެވެ
2022 ގައި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފައެވެ. ކުށް ސާބިތުނުވި މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ވެސް އެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
އެ މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން ހުކުމް ކުރެއްވީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގިއެވެ. އެ މައްސަލަ ދަށު ކޯޓުން ބަލާއިރު ސިއްރު ހެކިވެރިއެއްގެ ހެކިބަހާ މެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓުން ކުރި ހުކުމުގައި އަންގާފައި ވެއެވެ.
