ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން މިއަދު މެންދުރުފަހު 1:00ގައި ފޯމް ހުށަހަޅާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާއި އެކު ޕީއެންއެފް ފިކުރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ބައެއް ކެންޑިޑޭޓުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ކެންޑިޑޭޓުން ފޯމް ހުށަހެޅުން މިއަދު 1 ޖަހާއިރު ދަރުބާރު ގޭގައި އޮންނާނެ ކަމަށެވެ.

މީގެއިތުރުން މަލީހް ވަނީ ބައެއް ކެންޑިޑޭޓުން އަދި އޭޖެންޓުންގެ ގާނޫނީ ފޯމް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ވާކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު ފޯމުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މަލީހް އިތުރަށް ވިދާޅުވީ ކެންޑިޑޭޓުން މިއަދު 12:30 ޕާޓީ އޮފީހުގައި ބައްދަލުކުރާނެ ކަމަށެވެ. އަދި ދަރުބާރު ގެއަށް ދިއުމަށް ހަމަޖެހިފައި ވަނީ ޕާޓީ އޮފީހުގައި ބައްދަލުކުރުމަށްފަހުގައި ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރުމަށް މިހާތަނަށް 183 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިއްޔެ އެކަނިވެސް ޖުމްލަ 115 ފޯމް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 183 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.