ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް، ކްރިމިނަލް ކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗަކުން އަލުން ބަލަން ފަށައިފިއެވެ.
2017 ވަނަ އަހަރު ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ 6 މީހެއްގެ މައްޗަށެވެ.
އެ ހަ މީހުންނަކީ:
- ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު
- ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލް
- ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން
- މ. ކުދެހިގޭ ހަސަން ޝިފާޒް
- މ. ތާއިފް އިސްމާއިލް ރަޝީދު
- މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު
މި މައްސަލައިގައި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދެ މީހުން އުމުރަށް ޖަލަށްލާން ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފައެވެ.
ކުށް ސާބިތުވި، ހައިޝަމަލާއި ޒިހާންގެ ގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، މިދިޔަ ޑިސެމްބަރުގައި ހައި ކޯޓުން ވަނީ، އެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފަ އެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ އަލުން ބަލަން މިއަދު ފެށީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި މައްސަލައިގެ ބެންޗުގައި ތިއްބެވީ ގާޒީ އިބްރާހިމް އިހުސާން، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމް އެވެ.
މި މައްސަލަ ކުރިއަށް ގެންދަނީ އޮންލައިންކޮށް ވަގުތުން ދައްކާ ގޮތަށެވެ.
ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
