ތާލިބާނު ޖަމާއަތުން އަފްގާނިސްތާނުގެ ވެރިކަން އަތުލުމުން އެގައުމުގެ ހުރިހާ ސަރަހައްދެއްގައި ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާ ކަމަށް އދ އިން އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވެއްޖެއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އދގެ މަންދޫބު ޑެބްރާ ލިޔޯންސް ވިދާޅުވީ، ތާލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން އައިސިސް ޖަމާއަތުގެ ހަރަކާތްތައް އެގައުމުގައި އިތުރުވެފައިވާ ކަމަށާ މިހާރު އަފްގާނިސްތާނުގެ 34 ޕްރްވިންސްގައި އައިސިސް ހަނގުރާމަވެރިން ގާއިމުވެއްޖެ ކަމަށެވެ.

ލިޔޯންސް ވިދާޅުވީ، އަފްގާނިސްތާނުގެ އައިސިސްގެ ގޮފިން އެގައުމުގައި ގިނަ ހަރަކާތްތައް ހިންގާ އެކި އެކި ހަމަލާތައް ދެމުންދާ ކަމަށާ މިއަހަރުގެ ތެރޭގައި އެޖަމާއަތުން 334 ހަމަލާ އަފްގާނިސްތާނުގައި ދީފައިވާ ކަމަށެވެ. އަދި މިދިޔަ 2020 ވަނަ އަހަރު އެޖަމާއަތުން އަފްގާނިސްތާނުގައި ދީފައިވަނީ 60 ހަމަލާ ކަމަށް ވެސް ލިޔޯންސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އައިސިސް ޖަމާއަތް ހުއްޓުވުމަށް އަފްގާނިސްތާނުގެ ތާލިބާނު ޖަމާއަތުން ނުކުޅެދިފައިވާ ކަމަށާ، މިކަމަކީ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް އަންނަން ޖެހޭ ކަމެއް ކަމަށެވެ.