މަނީ ލޯންޑަރިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ އަޑުތައް އިތުރަށް ތަހުލީލު ކުރުމަށް ބޭރަށް ފޮނުވައިގެން ކުރި ތަހުލީލުންވެސް އެއީ ފޭކު އޯޑިއޯތަކެއް ކަމަށް ހާމަވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރު ތަފްސީލު ނުދެއްވާ ވިދާޅުވީ، ޖޭއެސްސީން މައުލޫމާތު ސާފުކުރުމަށެވެ.

އެހެންކަމުން، ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "ދަ ޕްރެސް" އަށް ވިދާޅުވީ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެއްގެ އަޑާއި އޯޑިއޯގައިވާ އަޑާ ދިމާވާ ކަމަށާއި، އޯޑިއޯ ވަނީ ޓެމްޕާ ކޮށްފައި ކަމަށެވެ. ނަމަވެސް އޯޑިއޯ ޓެމްޕާ ކުރީ ކިހާ ވަރަކަށް ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް އިޒްމީރާ ވިދާޅުވިއެވެ.

އެކަމަކު އެ އޯޑިއޯތަކުގެ ނަތީޖާއިން އެއީ ފޭކު އޯޑިއޯތަކެއްކަން އެނގިވަޑައިގެންފައި ވާކަމަށް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މި މަހުގެ ކުރީކޮޅު، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ދެ މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކޮށްފައެވެ.

ދެން އެ މައްސަލާގައި ހިމެނޭ ދެ ފަނޑިޔާރުން ކަމަށްވާ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯގައިވާ އަޑު ދިމާނުވާ ކަމަށް، މި މައްސަލަ ފުލުހުން ކުރިން ތަހުގީގު ކުރުމަށްފަހު ޖޭއެސްސީއަށް ދީފައިވާ މައުލޫމާތުތަކާ ހަވާލާދީ، އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.