ދައުލަތުގެ ހަރަދަށް ޒިއްމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑް ކޮށް، ރައްޔިތުންނަށް އޮޅުވާލައިގެން 7.7 ބިލިއަން ރުފިޔާ ޗާޕް ނުކުރަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ކޮވިޑް 19އާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިއްމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)،(ރ) އަދި (ބ) އަށް އަމަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ 2023 ވަނަ އަހަރަށް ދަންމާލާ، ފައިސާ ޗާޕުކުރުމަށްޓަކައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

އިދިކޮޅުން ބުނީ ސަރުކާރުން ނިންމާފައި ވަނީ މިމާއްދާތައް ސަސްޕެންޑް ކުރުމަށް ފަހު 7.7 ބިލިއަން ރުފިޔާ ޗާޕްކުރުމަށެވެ. އަދި މިކަމަކީ އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަކަށް ވާތީ މިގޮތަށް ގައުމުގެ އިގްތިސާދަށް ގެއްލުން ދެނިވި ގޮތަކަށް އަދި ރައްޔިތުންނަށް އެކަމުގެ އެއްވެސް މަންފާއެއް ނެތް ގޮތަކަށް އެހާ ގިނަ އަދަދެއްގެ ފައިސާ ޗާޕު ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ހަރަދަށް ޒިއްމާވުމުގެ ގާނޫނުގައި ބަޖެޓުގެ އިތުރަށް ހަރަދު ކުރެވޭނީ ދައުލަތުގެ 3 އަހަރުގެ އާމްދަނީގެ 1 ޕަސެންޓް ކަމަށްވިޔަސް މިމާއްދާތައް ސަސްޕެންޑް ކޮށްގެން މިހާތަނަށް 4 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރުވެސް މިފައިސާ ނުދެއްކި ދަރަނީގެ ގޮތުގައި އަދިވެސް އެބައޮތް ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި ވަނީ މަރުކަޒީ ބޭންކުން ނަގާ ފައިސާ 91 ދުވަހުގެ ތެރޭގައި ދައްކާ ނިންމަން ޖެހޭ ގޮތަށް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން އިތުރަށް ބުނީ އަންނަ އަހަރު ދައުލަތުގެ ދަރަނި 100 ބިލިއަނަށް ވުރެ މައްޗަށް އަރައިގެން ދާއިރު ގަވަރުނަރުގެ ހުއްދަ ނެތި މަރުކަޒީ ބޭންކަށް ނުފޫޒު ފޯރުވައިގެން މިހާ ގިނަ އަދަދެއްގެ ފައިސާ އަނެއްކާވެސް ޗާޕުކުރުމަކީ އޭގެ ސަބަބުން މިހާރު އުފުލުފައިވާ ތަކެތީގެ އަގު އަނެއްކާވެސް މައްޗަށް އުފުލި، ޑޮލަރުގެ އަގު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ހުރިވަރަށްވުރެވެސް މައްޗަށް އަތްނުފޯރާފަށަށް ގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.