އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ބޭނުން ކުރަމުން އަންނަ ޝިޔާރު 'އިންޑިއާ އައުޓް' ގެ ނަމުގައި ދޮގު މައުލޫމާތު ފެތުރުން ކުށްވެރި ކުރާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ އާއި ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި މިފަދަ މި ޝިޔާރު ބޭނުންކޮށްގެން ސައްހަ ނޫން މައުލޫމާތު ފެތުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ކުށްވެރިކުރާ ކަމަށެވެ.

ސަރުކާރުން ބުނީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ސަރުކާރުން ގާއިމުކޮށްފައިވާ ހުރިހާ ގުޅުންތަކެއް ވެސް ބިނާކޮށްފައިވަނީ އެއްގަމު އަނެއް ގައުމަށް އިހްތިރާމްކޮށް އެއްގައުމުން އަނެއް ގައުމެއްގެ ގާނޫނާ ބައިނަލްއަޤްވާމީ ގާނޫނުތަކަށް ކަމާ ހިތުމަށް ބާރު އަޅާ އުސޫލެއްގެ މައްޗަށް ކަމަށެވެ. އަދި މިފަދަ އެއްވެސް ގުޅުމެއްގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން އިތުރަށް ބުނީ އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި މިހާރު ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާ މިއީ ދިވެހިންގެ ގިނަ ބައެއްގެ ވިސްނުން ކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ. އަދި މިއީ މަދު ބަޔަކު ނިކުމެ ހިންގާ ހަރަކާތްތަކެއް ކަމަށާ އެމީހުން ބޭނުންވަނީ ރާއްޖޭ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ބަލިކަށިކޮށްލުން ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ ރާއްޖޭ އާއި އިންޑިއާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި އެކި އެކި ކަންކަމުގައި އިންޑިއާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި ތާއީދު ވެސް ސަރުކާރުން މިދަނޑިވަޅުގައި ފާހަގަކުރިއެވެ.

ދިވެހި ސަރުކާރުން އިތުރަށް ބުނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް ބޯޑަރުތައް ހުރަސްކޮށް ފުޅާކޮށްފައިވާ އިރު އަދި މަސްތުވާތަކެތި އެތެރެ ކުރުމާއި ކަނޑު ފޭރުގެ ބިރުވެސް އިންތިހާއަށް އޮތް އިރު މިފަދަ މައްސަލަތަކަކީ އެއްގައުމަށް އެކަނި ހައްލު ކުރެވޭނެ މައްސަލަތައް ނޫން ކަމަށާ މިކަމުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ ރާއްޖެ އާއި އެހެން ގައުމުތަކާ މެދު އޮންނަ ގުޅުންތަކަށް އަސަރު ނުކުރާނެ ގޮތަށް މައުލޫމާތު ފެތުރުމަށް ހުރިހާ ފަރާތަކަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މައުލޫމާތު ގެނެސްދޭ މީޑިއާތަކުން ވެސް ނޫސްވެރިކަމުގެ ހަމަތަކުގައި ހިފެހެއްޓުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ.