އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކައިރީ ބޯޓު ދެލި އަންދައިގެން ހިންގާ 5 ޕަވާ ޕްލާންޓް ވަގުތީ ގޮތުން ބަންދުކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ނިއުދިއްލީގެ ވައި ތަގައްޔަރުވެ ސިއްހަތަށް ގެއްލުންވާ މިންވަރަށް ވައި ނުސާފުވެފައިވާ ދަނޑިވަޅެއްގައެވެ.

ވައި ތަގައްޔަރުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އިންޑިއާގެ ފެޑެރަލް އެންވާރަމަންޓް މިނިސްޓްރީން އެކުވަލާވި ކޮމިޝަނުން ބުނެފައިވަނީ ނިއުދިއްލީގެ ވައި އިތުރަށް ތަގައްޔަރުވިޔަ ނުދިނުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށާ މިކަމަށްޓަކައި ބޯޓު ދެލި އަންދައިގެން ހިންގާ މި ފަސް ޕަވާ ޕްލާންޓް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެކޮމިޝަނުން ވަނީ ނިއުދިއްލީއާ ކައިރި އެހެން ސިޓީތަކުގައި ހިންގާ އިމާރަތްކުރުމުގެ މަސައްކަތްތައް ވެސް ހުއްޓުވާފައެވެ. އަދި ޒަރޫރީ މުދާ ނޫން އެހެން މުދާ އުފުލުން ބޮޑެތި އުޅަނދުތަކަށް ވަނީ މަނާކޮށްފައެވެ.

ނިއުދިއްލީގެ ވައި ތަގައްޔަރުވުމުގެ މައްސަލަ ބޮޑުވުމުން، މިދިޔަ ހޮނިހިރު ދުވަހު އެރަށުގައި ހިންގާ ހުރިހާ ސްކޫލެއްގެ ކިޔެވުން ހަފްތާއަކަށް ބަންދުކުރުމަށް ސްޓޭޓް ސަރުކާރުން ނިންމިއެވެ. އަދި ވައި ތަގައްޔަރުވާ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ކޮމިޝަނުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ސްކޫލުތައް ބަންދުކޮށްފައެވެ.