36 އެއާލައިން އަކާއެކު 45 ފަރާތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ، މި ޓުއާތަކަކީ އާ ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، އެއްވެސް ބުރޫއެރުމެއް ނެތި ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ޓުއާތަކެއް ކަމަށެވެ. އަދި މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޓުއާތަކެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކާއި ރިސޯޓް ރެޕުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށް ވެސް މި ޓުއާތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް 36 އެއާލައިނަކަށާއި 7 ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް މި ޓުއާ ވަނީ ކުރިއަށް ގެންގޮސްފައި ކަަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އިތުރު ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، 10 ސްޓޭކް ހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލް ބޭނުން ކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ.
މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.