ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ އެއްބަސްވުންތައް ހަދަން ނިންމާފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުން އެ ފްލެޓް ލިބޭ މީހުންނަށް މިލްކު ކޮށްދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، އެ އުސޫލުން އަމަލު ކުރަން ނިންމީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވުމުން ކަމަށެވެ. އެހެންކަމުން ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި އޮތީމާ ހަގީގަތުގައި ސަރުކާރަށް އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ވެރިފަރާތުން ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، އެ މައްސަލަ އަށް ހައްލެއް ލިބެން މި ވަގުތަށް އޮތީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުން ކަމަށް މުއްތަލިވް ފާހަގަ ކުރެއްވިއެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ހަމައެއާއެކު މިހާރު މި ދޭ ފްލެޓުތައް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަަމށާއި އެއްގޮތަކީ ބޭންކު މޯގޭޖު ފައިނޭންސްގެ ތެރެއިން ލުއި ފަސޭހަތަކެއްގެ ތެރެއިން އެ މީހުންނަށް މޯގޭޖެއްގެ ގޮތުގައި އެ ތަން ދިނުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އަނެއް ގޮތަކީ ކުލި ދައްކާ ގޮތަށް ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތު ހަމަވީމާ އެ ފަރާތްތަކަށް އެ ތަން މިލްކުވާ ކަހަލަ އުސޫލެއް ކަނޑައެޅުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭގައި ބިނާ ކުރަމުން އަންނަ 4000 ފްލެޓްގެ ތެރެއިން 1000 ފްލެޓްގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭ ނިންމާލެވޭނެ ކަމަށާއި އެއާއެކު އެގްރިމަންޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް މީގެ ކުރިން މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓްގެ މަސައްކަތް ނިންމައި އަދި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރު 2000 ފްލެޓާއެކު ޖުމްލަ 4000 ފްލެޓްގެ އަމަލީ މަސައްކަތް ނިންމާލުން ކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އަދި ފްލެޓްތައް ނިމެމުން ދާ ވަރަކުން ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ދީ ބޯހިޔާވަހިކަން ފޯރުކޮށް ދޭނެ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޖުލައި މަހުގެ ތެރޭގައި 1000 ފްލެޓުގެ އެގްރިމަންޓް މަރުހަލާ ފެށޭ ވަރު ވާނެ ކަމަށް މިނސްޓަރު ވިދާޅުވެފައިވާ އިރު، ގެދޮރުވެރިޔާ ސްކީމްގައި ފްލެޓް ދޭނީ ކުރީ ސަރުކާރުން އާންމު ކުރި ފްލެޓް ލިސްޓާ އެއްގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ލިސްޓާ އެއްގޮތަށް ފްލެޓް ދޭން ނިންމި ކަމުގައި ވީ ނަމަވެސް ޝަރުތު ހަމަވޭތޯ ބަލައި ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.