ސީޝެލްސްއާ ދެކޮޅަށް އިއްޔެ ރާއްޖެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހިންގި ހުތުރު އަމަލް ގޯސް ކަމަށާއި އެކަމާ ފިޔަވަޅު އަޅާނީ އޭއެފްސީ ނުވަތަ ފީފާ އިން ކަމަށް މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އިއްޔެގެ މެޗުގައި އަޑުބަރޭ ވަނީ މެޗުގެ ފަހު ވަގުތުގެ ފަސް މިނެޓުގެ ތެރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ، ބޯޅަވެސް ނެތި، ސީޝެލްސްގެ ކެޕްޓަން ސްޓީވްގެ ނޯށް މަތީ އުޅަނބޮށިން ގަސްތުގައި ޖަހާ ވައްޓާލާފައެވެ. އެއާއެކު ރެފްރީ ވަނީ އަޑުބަރޭއަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފައެވެ. މިއީ ސަރަހައްދީ މުބާރާތެއްގައި މިހާ އަވަހަށް ކާޑު ދައްކައި ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިޔާއެވެ.

އެކަމާއި ގުޅުވައި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ފުުޓްބޯޅަ މެޗެއްގައި ހިނގާކަމަކާއި ގުޅިގެން ޔޫތް މިނިސްޓަރުގެ ހައިސިއްޔަތުން ކުޅުންތެރިއަކަށް "ފިޔަވަޅު އަަޅަން ޖެހުނީމާ ވާނީ ޖޯކަކަށް" ކަމަށެވެ. "އޭއެފްސީން ނޫނީ ފީފާއިން އަޅާ ފިޔަވަޅެެއް އަޅާނީ" މަހްލޫފް ވިދާޅުވިއެވެ.

އަސްހަދު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނުވަތަ އޭނާ ގައުމީ ޓީމަށް ނުނަގަން އެފްއޭއެމްގައި ވެސް ނޭދޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި އޭއެފްސީ ޗެމްޕިއަންޝިޕްގައި އަޑުބަރޭ ދެއްކީ ވަރަށް ރަނގަޅު ކުޅުމެކެވެ. އަދި ޒުވާން ކުޅުންތެރިންނާ އެއްވަރަށް އޭނާގެ ފިޓްނަސްލެވެލް ވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ނެޝަނަލް ޓީމުގެ ފިޓްނަސް ޓެސްޓް ހަދާއިރު އެތިބަ ޒުވާން ކުޅުންތެރިންނަށް ވުރެ ވެސް ކުރީގައި (އަސްހަދު) ހުންނަވާ،"
މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު މަހުލޫފު

އިއްޔެ އަޑުބަރޭ ސީޝެލްގެ ކުޅުންތެރިޔާ އަށް ދިން ހަމަލާއާއި މެދު ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު ކުރީގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު މައުމޫން އަބްދުލްގައްޔޫމް ވަނީ އަޑުބަރޭގެ އަމަލީ ހަޑިހުތުރު އަމަލެއް ކަމަށާއި އަދި އޭނާ އަށް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގޮވާލައްވާފައެވެ.

އަޑުބަރޭ ސާފް ޗެމްޕިއަންޝިޕްގެ ޓީމްގައި ހިމެނުމުން ވެސް އޭނާ އަށާއި ކޯޗް އަލީ ސެޒޭނަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ. ކުޅުން ހުއްޓާލައިގެން ތިން އަހަރެއްހާ ދުވަހު ހުރުމުންނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލާގައި ޖާމިނުވެފައި ވާތީ، އެކަމާ ގުޅިގެންވެސް އާންމުން ވަނީ އަޑުބަރޭ ގައުމީ ޓީމުން ވަކިކުރުމަށް އެފްއޭއެމަށްވެސް ގޮވާލާފައެވެ.