ސަރުކާރުން ރަށްރަށުގައި އަޅަމުންދާ ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތް ލަސްވަނީ އެ މަސައްކަތާ ހަވާލުވާ ކުންފުނިތަކުގެ ގާބިލުކަން ނެތުމުން ކަމަށް މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވާއިރު ރ. މީދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް 50 ދުވަހަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށް އަހަރެއްހާ ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރުވެސް މަސައްކަތް ނުނިމިފައި ވާތީ އެ ރަށުގެ ޒުވާނުން ވަނީ އާދިއްތަ ދުވަހު ހިމޭން އިހުތިޖާޖެއްގެ ކޮށް، އެ ދަނޑުގައި 15 ގަސް މިރުސް އިންދާފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ރަށްރަށުގައި ކުރިއަށް ގެންދާ މަސައްކަތްތައް ލަސްވުމުން އެ މައްސަލަ ހައްލުކުރުމަށް އޮންނަ ހަމައެކަނި މަގަކީ އެ އެއްބަސްވުންތައް ބާތިލުކުރުން ކަމަށެވެ. އަދި މިނިސްޓްރީ އަށް ހަދަންޖެހޭ ހިސާބަކީ މަސައްކަތުގެ ބައެއް ނިންމާފައި ވަނިކޮށް އެއްބަސްވުންތައް ބާތިލު ކުރުމަކީ ރަނގަޅު ގޮތެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ހަދަން ޖެހޭ ހިސާބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތާ ހަވާލު ވަނީ ރަނގަޅު ބޮޑެތި ކުންފުނިތަކުން ކަމަށާއި އެހެންނަމަވެސް މިހާތަނަށް ހަވާލު ކުރެވިފައިވާ 13 ދަނޑު ތިން އަހަރުގެ ތެރޭގައި ނިންމިފައި ނުވަނީ އެ ކުންފުނިތަކުގެ ގާބިލުކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ.