ފައިސާ ޗާޕު ކުރުން ނުވަތަ ދައުލަތުގެ ޕަބްލިކް ބޭންކު އެކައުންޓް (ޕީބީއޭ) އޯވާޑްރޯ ކުރަން ދީފައިވާ ހުއްދައިގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކުރަން މަޖިލީހަށް ހުށައަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރަމުން އެކަމާ ދެކޮޅަށް ވިޔަފާރިވެރިން ނުކުމެ، ބަސްބުނަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ފައިސާ ޗާޕްކުރުމަށް ހުއްދަދީފައިވާ މުއްދަތު އެއް އަހަރަށް އިތުރުކުރަން އެދިފައިވެއެވެ. މިއީ އިތުރަށް ފައިސާ ޗާޕު ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ 3 ވަނަ ފަހަރެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުލިބުނު ކަމަށް ބުނެ އިދިކޮޅުގެ މަޖިލިސް މެންބަރުން މަޖިލިސް ދޮރުމަތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު މަޖިލީހުގެ ނައިބު ރައީސްގެ އަމަލުތައް ހުރީ ނޯތް ކޮރެއާގެ ސްޓޭންޑަޑަށް ކަމަށެވެ.

"މިއަދު މަޖިލީހުގެ ނައިބު ރައީސްގެ އަމަލުތައް އެހުރީ ނޯތް ކޮރިއާގެ ސްޓޭންޑަޑަށް، ނޯތް ކޮރިއާގެ ގާނޫނު ހަދާ މަޖިލީހެއްގަ ކަންތައް ހިނގާނެ ގޮތަށް"
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

ސައީދު ވިދާޅުވީ މި ސަރުކާރުން 2023 ވަނަ އަހަރާ ހަމަޔަށް ދާއިރު ދަރަނި ރެކޯޑު އަދަދަކަށް އުފުލިފައިވާ ކަމަށާއި އޭގެ މައްޗަށް އަނެއްކާވެސް ފައިސާ ޗާޕު ކުރުމަކީ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި އެކަނި ވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މުސާރައިގެ ގޮތުގައި 702 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައި ވާއިރު އެއްވެސް ފައިސާއެއް އަނބުރާ ނުދެއްކި، ދަރަނިތައް ދަރިންގެ ދަރިންގެ ބޮލުގައި އެޅުވޭނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރުކުރުމަށް މިއަދު އެދުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް މަޖިލީހުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އާދަމް ޝަރީފް ވަނީ އެކަން ކޮށްފިނަމަ ޑޮލަރުގެ އަގު އިތުރަށް މަތިވެ، ދިވެހި ފައިސާގެ އަގު ދަށަށް ދާނެ ކަމަށް ވިދާޅުވެފައެވެ.

ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން މަޖިލީހުން އޮތީ ހުއްދަ ދީފައެވެ. އެންމެ ފުރަތަމަ ޕީބީއޭ އޯވާޑްރޯ ކުރަން ހުއްދަ ދިނީ އޭޕްރީލް 2020 ގައެވެ. އެއް އަހަރަށް ދިން އެ މުއްދަތު ހަމަވުމުން މި އަހަރުގެ އޭޕްރީލް އިން ފެށިގެން އިތުރު އެއް އަހަރަށް އެ ހުއްދަ ދަންމާލަން އެދުމުން މަޖިލީހުން ވަނީ އެކަން ކޮށްދީފައެވެ.