ދައުލަތުގައި މާލީ ދާއިރާގެ މީހުން މަދުވުމުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެެވެ.

ރާއްޖޭގެ އެކައުންޓަންޓުންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާ ވަރަށް ބަލާ، ކުރިމަގުގައި މާލީ ދާއިރާ އަށް ގިނަ އަދަދެއްގެ ޕްރޮފެޝަނަލް މީހުން ބޭނުންވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވި މި ދާއިރާގެ މީހުން މަދުވުމުގެ ސަބަބުން ކަންކަން ކޮށްދިނުމަށް ބޭނުންވާ މައުލޫމާތާއި ޕްރޮފެޝަނަލް އެކްސްޕަޓީޒް ލިބުން ދަތިވެ ކަންކަން ލަސްވާ ގޮތް ދިމާވާނެ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް ޗާޓަޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ބިދޭސީން މަދު ކުރުމުގެ ބަދަލުގައި ބޭނުންވަނީ މަތީ މަގާމުތަކަށް ދިވެހިން ނެރުން ކަމަށާއި ރާއްޖޭގައި އެކައުންޓިން ދާއިރާގެ މަތީފަންތީގައި ދިވެހިން މަދުވީ ޕްރޮފެޝަނަލް ކޮލިފިކޭޝަން ނެތުމުން ކަމަށެވެ.

އެކައުންޓިން ދާއިރާ އިން މީހުން ތަމްރީން ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ސީއޭ މޯލްޑިވްސް އާ ދެމެދު ވަނީ މިދިޔަ މަހު އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި 1،000 އަށް ވުރެ ގިނަ ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.