އެމެރިކާގައި ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެގައުމުގައި ހަލުވި ކަމާއެކު ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ކެމްޕޭންގެ ދަށުން 440 މިލިއަނަށް ވުރެ ގިނަ ޑޯޒު ޖަހާފައިވާ ކަމަށް އެގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފިއެވެ.

ސީޑީސީން ހާމަ ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެގައުމުގައި 195 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 226 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މީގެ އިތުރުން 29.3 މިލިއަން މީހުން ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު އެގައުމުގައި ޖަހަމުން އަންނަނީ މޮޑާނާ، ފައިޒާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނެވެ. މި ތިން ވެކްސިނުގެ ވެސް ބޫސްޓާ ޑޯޒް ޖެހުމުގެ ހުއްދަ އެގައުމުން ވަނީ ދީފައެވެ.

މިއާއެކު އެގައުމުގެ އެކި ހިސާބުތަކުން ޖުމްލަ 440،559،613 (ހަތަރުސަތޭކަ ސާޅީސް މިލިއަން ފަސްލައްކަ ފަންސާސް ނުވަހާސް ހަސަތޭކަ ތޭރަ) ޑޯޒްގެ ވެކްސިން އާދީއްތަ ދުވަހުގެ ނިޔަލަށް ޖަހާފައިވާ ކަމަށް ސީޑީސީން ހާމަ ކޮށްފައި ވެއެވެ.

އެމެރިކާއިން ވެކްސިން ޖެހުމުގެ ކެންޕޭން ބާރު މިނެއްގައި ކުރިއަށް ދާއިރު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން ކޮވިޑްގެ ސަބަބުން އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 20 މަސް ދުވަހަށް ފަހު ނޮވެމްބަރު މަހު އެގައުމުގެ ބޯޑަރުތައް ވެސް ވަނީ ހުޅުވާލާފައެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުމުގެ ހުއްދަ މިއަދު ލިބިގެންދާ އިރު އެގައުމަށް ވަދެވޭނީ ކޮވިޑް އިން ދިފާއު ވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ވާ މީހުންނަށް އެކަންޏެވެ.