ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ އިންޑިއާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓްގެ ދެވަނަ ބުރުގެ މަޝްވަރާ ބައްދަލުވުންތައް ނިންމާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު 20 އިން 23 އަށް މާލޭގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ދެ ގައުމުގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއި ކަމާގުޅޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މި މަޝްވަރާގައި ދެ ގައުމުގެ ދެމެދުގައި އެތެރެކުރާ އަދި ބޭރުކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމާއި، އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗާއި ކާބޯތަކެތި ފަސޭހައިން ލިބޭނެ މަގުފަހިކުރުމުގެ މައްޗަށް މަޝްވަރާކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ފަތުރުވެރިކަމާއި މާލީ ދާއިރާ، އައިޓީ އަދި ސޭލްސް ފަދަ ހިދުމަތްތައް ފުޅާކުރުމަށް ހުރި ފުރުސަތުތަކާ ގުޅިގެން ވާހަކަ ދެކެވިފައިވާކަމަށާއި، އެއްބަސްވުމުގެ ދަށުން އެކްސްޕޯޓްކުރެވޭ މުދަލުގެ އަސްލު ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުންތަކުގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާއެކު ބާއްވާ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަކޮށް ދެ ގައުމަށް ވެސް ފައިދާހުރި ގޮތެއްގައި އެއްބަސްވުން ނިންމުމަށް ސަރުކާރުން ބިނާކުރަނިވި ގޮތެއްގައި މަސައްކަތްކުރަމުންދާނެކަމަށެވެ.