ސިޔާސީ ކަންތައްތަކަށް ކުރާ ހަރަދުތައް އެތައް ގުނައެއް ބޮޑު ކަމަށާއި، ސިޔާސީ މަގާމުތައް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ސަރުކާރުން ބަޖެޓުގައި ހިމަނާ މަޝްރޫއުތައްވެސް ތަންފީޒު ވެގެން ނުދާ ކަމަށާއި، އެހެން އެ ވަނީ ލިބޭ އާމްދަނީއަށް ވުރެ ކުރާ ހަރަދުތައް އިތުރުވުމުން ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު 622 ސިޔާސީ މަގާމު ސަރުކާރުން އުފެއްދި ކަމަށާއި މިދިޔަ އަހަރު އެ އަދަދު އޭގެ ދެ ގުނައަށް އިތުުރުވެފައިވާ ކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އަތޮޅު ތައުލީމީ މަރުކަޒުތަކަށާއި ހޮސްޕިޓަލުތައް ހިންގަން ދާ 400 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ސިޔާސީ މަގާމުތަކަށް ހަރަދުކުރަން ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ސިޔާސީ މަގާމުތައް މަދުން އުފައްދާނަމަ، ހުރިހާ އަތޮޅު ތައުލީމީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް ހިންގަން ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެހެންވެ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުން ފެންނަނީ ހުސް ކަންބޮޑުވާ ކަންތައްތައް ކަމަށާއި، ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ކުޑަ ކުރުމަށްޓަކައި ބަޖެޓަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.