ލެޓްވިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމާ ދެކޮޅު މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބަހުސްތަކާއި ވޯޓުތަކުގައި ބައިވެރި ނުވެވޭ ގޮތަށް އެ މަޖިލީހުން ފާސް ކޮށްފިއެވެ.
އަންނަ އަހަރުގެ މެދާ ހަމައަށް މިގޮތަށް އަމަލު ކުރުމަށް ނިންމާފައި ވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެިރިވި 100 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ ތާއީދާ އެކުގައެވެ.
މީގެ އިތުރުން މިކަމާ ދެކޮޅު އަދި ވެކްސިން ނުޖަހާ މެންބަރުންގެ މުސާރައިން ވެސް ކެނޑުމަށް ފާސްކޮށްފައި ވާއިރު މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިކަމާ ދެކޮޅު ނުވަ މެންބަރު އެބަ ތިއްބެވެ. އަދި އެ ނުވަ މެންބަރުން ވަނީ ރައްޔިތުންނަށް ވެސް އެނގޭނެހެން ވެކްސިން ޖެހުމާ ދެކޮޅު ހަދާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މިކަން މަޖިލީހަށް ހުށަހެޅުއްވި މެންބަރު ޖެނިސް ރެންކަންސް ވިދާޅުވީ ވެކްސިން ޖެހުމާ ދެކޮޅު ހަދާ ހުރިހާ މެންބަރުންނަށް މިފަދަ ވަރުގަދަ ފިޔަވަޅުތައް އެޅުމަކީ އެގައުމުގެ ރައްޔިތުންނާ މެދުގައި ވެކްސިނާ މެދު އިތުބާރު އުފައްދާ އެކަމަށް ހިތްވަރު ދިނުމަށް މުހިންމު ކަމެއް ކަމަށެވެ.
ލެޓްވިއާ ފާހަގަ ކޮށްލެވެނީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ ތެރެއިން އެންމެ މަދު މީހުން ވެކްސިން ޖަހާފައިވާ ގައުމުގެ ގޮތުގައެވެ. އަދި މި ގައުމަކީ މިހާރު އިތުރުވަމުން އަންނަ ކޮވިޑްގެ ކޭސްތަކާއެކު އެސަރަހައްދުން އެންމެ ފުރަތަމަ ލޮކްޑައުންއަކަށް ދިޔަ ގައުމެވެ.